ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ރައީސް ނަޝީދު މައްޗަންގޮޅީގެ ގޮނޑިއަކަށް ވާދަކުރައްވަނީ، ކެމްޕޭން ފެށުން މާދަމާ ރޭ!

3

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޮޅީގެ ދާއިރާއަކަށް ކުރިމަތިލައްވާ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، ޓުވިޓާ މެދުވެރިކޮށް ރައީސް ނަޝީދު ވަނީ މާދަމާ ރޭ އޮންނަ މަޖިލީހުގެ ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު އަރުވައިފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާދަމާ ރޭ 9:00ގައި މައްޗަންގޮޅި ކާމިނީ މަގުގައި އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.

މަޖިލީހުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނަވަނީ އަބްދުﷲ ސިނާނެވެ. ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، ސިނާން އަދި ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މާރިޔާ އަހްމަދު ދީދީ، ޑިފެންސް މިނިސްޓަރަކަށް ވަޑައިގެންނެވުމަށް އިސްތިއުފާ ދެއްވުމުން އެ ގޮނޑި ވަނީ ހުސްވެފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީގައި އިތުރު ދާއިރާއެއް ހިމެނޭނެއެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާއެވެ. ރައީސް ނަޝީދު ވާދަކުރައްވާނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ނުވަތަ މާރިޔާ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟