ޖުމްހޫރީ ޕާޓީ

ލަތީފާއި ސައުދު ޖޭޕީއަށް، މަޖިލީހުގައި މިހާރު ޖޭޕީގެ 22 މެމްބަރުން

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީއަށް ލަތީފާއި ސައުދު ސޮއިކުރެއްވިކަން އެ ޕާޓީން ކަށަވަރުކޮށްދީފައިވާ އިރު، އެ ދެ މެމްބަރުން ސޮއިކުރެއްވީ ސިއްރުން ކަމަށް ވެސް ހަބަރުތައް ފެތުރެމުންދެއެވެ.

ލަތީފާއި ސައުދު ސޮއިކުރެއްވުމުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ޖޭޕީގެ މެމްބަރުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރަކީ ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒެވެ.

މަޖިލީހުގައި އެމްޑީޕީގެ 19 މެމްބަރުން ތިއްބަވާ އިރު، މަޖިލީހުގައި އަދިވެސް އެންމެ ގިނައީ ޕީޕީއެމްގެ މެމްބަރުންނެވެ. ޕީޕީއެމްގައި 28 މެމްބަރުން ތިއްބަވައެވެ. އެހެންކަމުން އަދިވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވާ އިރު، އެމްޑީއޭގެ ހަތަރު މެމްބަރުން ތިއްބަވައެވެ. އަދި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު މަޖިލީހުގައި ތިއްބަނީ 79 މެމްބަރުންނެވެ.