އިބްރާހިމް ޒަކީ
ވަކި ކަމަކާގުޅިގެން މިހާތަނަށް މިގައުމުގައި އެއްވެސް އިރެއްގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސްފައި ނުވާ ކަަމަށާއި، އެކިކަންކަމާ ގުޅިގެން އެކި ދުވަސްވަރު މި ގައުމުގައި ގާނޫނުއަސާސީ އިސްލާހު ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބު ފަސްކުރާއިރު، މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު ޖޫން ތިނަކަށް ހަމަވާތީ އެ މުއްދަތު އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލުގެ މަސައްކަތް، ކޮވިޑް 19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި، ކުރިއަށް ގެންދެވިދާނެތޯ ބެލުމަށް އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ ބަހުސް ނިންމަވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެކި ހާލަތްތަކުގައި ރާއްޖޭގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"ގާނޫނުއަސާސީއަށް މި ގައުމުގައި އިސްލާހު ގެނެސްފަ އެބަހުރި އެއްރެއެއްގެ ތިން ސިކުންތުންވެސް، ގާނޫނުއަސާސީއަށް މި ދިވެހި ރާއްޖޭގައި އިސްލާހު ގެނެސްފަ އެބަހުރި ދިވެހި ރާއްޖެ ވިއްކާލުމަށްވެސް އަދި އަތޮޅެއް އެކީގައި ބޭރުބަޔަކަށް ހިލޭ ދިނުމަށްވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފަ އެބަހުރި، ވެރިކަމުގައި ގިނަ ދުވަހު ހުރުމުގެ ނިޔަތުގައިވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފަ އެބަހުރި ރަދުން ވެރިކަމުން ދުރުކުރަންވެސް، އުއްތަަމަ ފަނޑިޔާރު ގޭގައި ބެހެއްޓުމަށްވެސް، ބޮޑުވަޒީރު އިތުރު މުއްދަތު ހޯދުމަށްވެސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަަށް އެއްވެސް މެންބަރަކު ވިދާޅު ނުވާ ކަމަށެވެ. އަދި ގާނޫނީ ލަފާ ލިބިވަޑައިގެންފައިވަނީވެސް އެގޮތަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގައި ކުރި ބަހުސް ނިމުމުން ވޯޓަށް ނާއްސަވައި، މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު ސާފު ކުރައްވަން އުޅުއްވި ކަންތައް ސާފުވެވަޑައިގެންފި ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ސަބަބުން މުއްދަތު ހަމަވާ ކައުންސިލަރުންގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.