އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ދިން ސައިބާ އެޓޭކް މޯލްޑިވިއަން އިން ކުށްވެރިކޮށްފި އެވެ.
އެ އެއާލައިން އިން ރޭ ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް އޮންލައިންކޮށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިއީ މޯލްޑިވިއަންގެ މަސައްކަތަށް ބުރޫ އެރުވުމަށް ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.
ރައްޔިތުންނަށް ފަސޭހަތަކެއް ފޯރުކޮށްދޭން އުޅޭ ވަގުތެއްގައި މިފަދަ ދަށު ދަރަޖައިގެ ކަމެއް ކުރުމުން ހިތާމަ ކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މޯލްޑިވިއަން އިން މެލޭޝިއާއަށް ކުރުމަށް ހަމަޖައްސާފައިވާ ދަތުރުގެ ޓިކެޓު އޮންލައިންކޮށް ނެގުމަށް ދަތިތަކާއި ކުރިމަތިވީ މި އެޓޭކްތަކުގެ އިތުރުން އެއްފަހަރާ ގިނަ ބަޔަކު ސައިޓަށް ވަންނަން އުޅުމުން ކަމަށެވެ.
ފަހުން މޯލްޑިވިއަނުން މި ފްލައިޓުގެ ޓިކެޓު ވިއްކީ މޯލްޑިވިއަންގެ ބުކިންގް ނަންބަރަށް ގުޅައިގެނެވެ.