ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލްތައް ހިންގާނެ ބަޔަކު އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމަށް ގިނަ މެންބަރުން ވާހަކަ ދައްކަވައިފި

އިބްރާހިމް ޒަކީ

މިމަހު ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާއި ގުޅިގެން އަންނަ އަހަރާ ހަމައަށް ފަސް ކުރުމަށް ގާނޫނު ހަދާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން ތިނަކަށް ހަމަވުމުން ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން އެ ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމުގެ ބަދަކުގައި، ކައުންސިލްތައް ހިންގުމަށް ބަޔަކު އައްޔަން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުންތަކެއް ވާހަކަ ދައްކައިފިއެވެ.

މެންބަރުން އެގޮތަށް ވާހަކަ ދައްކާފައިވަނީ، މިމަހު ހަތަރެއްގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން މިމަހު 18 އަށް ފަސްކޮށް، އެހާތަނަށްވެސް އިންތިހާބު ނުބޭއްވޭނެތީ އިންތިހާބު އިތުރަށް ފަސް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިހާރު އިންތިހާބުވެވަޑައިގެން ތިއްބެވި ކައުންސެލަރުންގެ މުއްދަތު ޖޫން ތިނަކަށް ހަމަވާތީ އެ މީހުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ސަރުކާރުން ފޮނުވާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ ބަހުސްގައެވެ.

ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވުމާ ގުޅިގެން، އެ ބިލަށް ބަހުސް ކުރުމުުގެ ބަދަލުގައި މަޖިލިސް ރައީސް މަޖިލިސް ހުޅުވައިލެއްވި، ގާނޫނުއަސާސީއަށް މި ދަނޑިވަޅުގައި އިސްލާހު ގެނެވިދާނެތޯ ސުވާލު އުފައްދަވައި އެ ކަމަށް ބަހުސް ކުރެއްވުމަށެވެ.

މަޖިލިސް ރައީސް އެސުވާލު އުފެއްދެވީ، މިހާރު މިއޮތް ހާލަތަކީ، ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނުވާނެ ކަަމަށް 267 ވަނަ މައްދާގައި ބަޔާންކޮށްފައިވާތީއެވެ.

ނަމަވެސް ގިނަ މެންބަރުން ވިދާޅުވީ މިއީ ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުނޫން ކަމަށެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވާ ކުއްލި ނުރައްކަލުުގެ ހާލަތަކީ ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރަންޖެހޭ ހާލަތެއް ކަަމަށާއި، މިހާރު މިއޮތީ، އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން، ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތުގެ ލަފާގެމަތިން ހެލްތު މިިނިސްޓަރު އިއުލާން ކުރައްވާފައިވާ، ކުއްލި ނުރައްކަލުގެ ހާލަތެއް ކަަމަށް އެ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނުއަަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީ ހުރަހެއް ނެތް ކަަމަށް އެމެންބަރުން ވިދާޅުވިއެވެ.

ނަމަވެސް ގައުމަށް މިފަދަ ހާލަތެއް ދިމާވެފައިވާއިރު، މިހާލަތަކީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަަމަށް ވެސް ބައެއް ބޭފުޅުން ގަބޫލު ކުރައްވައެވެ.

މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ވަކާލާތު ކުރައްވާ މެންބަރުން ވިދާޅުވީ، މިހާލަތަކީ ސީދާ ރައީސް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތެއް ނޫންނަމަވެސް މިއީ ރައީސްގެ ހުއްދައާއެކު ސަރުކާރުން އިއުލާންކޮށްފައިވާ ހާލަތެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތުކަމަށް ބަޔާން ކޮށްފައިވާ ގޮތަށް، މި ހާލަތުގައިވެސް މީހުންގެ ހައްގުތައް ހިފަހައްޓައި މީހުން ހައްޔަރު ކުުރުމުގެ ބާރު އޮންނަކަމުން މިހާރު މިއޮތް ހާލަތު ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުުގެ ހާލަަތަށް ފެތޭ ކަމަށާއި އެހެންކަމުން މިދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

މި ބަހުސްގައި ވަރަށް މަދު މެންބަރުން ފިޔަވައި، އެ ދެގޮތަށް ވާހަކަ ދެއްކެވި މެންބަރުންވެސް ޖޫން ތިނަކުން ފެށިގެން މުއްދަތު ހަމަވާ ކައުންސެލަރުންގެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ވަނީ ވާހަކަ ދައްކަވައިފައެވެ.

އޭގެ ތެރެއިިން މާފަންނު އުތުރު ދާިއރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަަމަށެވެ. އަދި މިހާލަތު ގާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ފެތޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސެލަރުންނަކީ ރައްިޔތުން އިންތިހާބު ކުރަންޖެހޭ ބައެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާއިރު، މުއްދަތު ހަމަވެފައިވާ ބައެއްގެ މުއްދަތު ގާނޫނުއަސާސީން ވެސް އަދި ގާނޫނަކުން އިތުރު ކުރިޔަސް އެމީހުންނަކީ އިންތިހާބު ކުރި ބަޔަކަށް ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އެހެންކަމުން މުއްދަތު ހަމަވިޔަސް އިންތިހާބު ބޭއްވެންދެން، ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް އެމީހުން އެ މަގާމުތަކުގައި ބޭތިއްބިދާނެ ކަަމަށާއި، ގާނޫނުއަސާސީން ލިބިދޭ އައްޔަންކުރުމުގެ ބާރުން ރައީސުލް ޖުމްހޫރިއްޔާއަށް އެކަން ކުރެއްވޭނެ ކަަމަށް އިންތި ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް އަބްދުލްހަކީމު ވިދާޅުވީ، އިންތިހާބު ބޭއްވެންދެން، ގާނޫނުއަސާސީން ލިބިފައިވާ ބާރުގެ ދަށުން ކައުންސިލްތަކަށް މީހުން އައްޔަން ކުރަން ޖެހޭނީ ރައީސުލް ޖުމްހޫރިްޔާ ކަމަށެވެ. އަދި އެބާރުގެ ބޭނުން ކުރުމަކުން ހުދުމުހުތާރުވެގެން ނުދާނެ ކަމަށާއި އެކަމަކީ ހުދުމުހުތާރުކަމެއް ނަމަ ގާނޫނުއަސާސީގައި އެކަން ކުރުމަކަށް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވެސް ވިދާޅުވީ، ގައުމު ހިންގުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް ކުރުމަށް ގާނޫނުއަސާސީގެ 115 މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ދީފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރައީސުލް ޖުމްހޫރިއްޔާ އެބާރުުގެ ބޭނުން ކުރައްވަންޖެހިވަޑައިގަންނަވާ ކަމަށާއި، އެ އިހުތިޔާރު ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދަޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ކުޅިވަރަކަށް ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. ގާނޫނުއަސާސިއާ ކުޅެގެން، އިންތިހާބު ކޮށްފައި ތިބޭ ބައެއްގެ މަގާމު ދަންމާލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، ދައުލަތް ހިންގުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރަން ޖެހޭ ކަންތައްތަކެއް ގާނޫނުއަސާސީގެ 115 މާއްދާގައި ކަނޑައަޅާފައިވާ ކަމަށާއި، މި ދަނޑިވަޅުގައި ރައީސަށް އެބާރުތައް ބޭނުން ކުރެއްވޭނެ ކަމަށެވެ. އަދި ރައީސްގެ އިސްނެންގެވުމުގެ މަތިން އެކަން ކުރަން ނުފެންނަންޏާ ރައީސުލް ޖުމްހޫރިއްޔާ އެކަން ކުރައްވާނެ އުސޫލެއް މިހާރު ހުށަހަޅާފައިވާ ސަންސެޓް ގާނޫނުގައި ކަނޑައެޅިދާނެ ކަމަށެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، އެގޮތަށް މީހުން އައްޔަން ކުރުމުގެ ބާރު ގާނޫނުއަސާސީގެ އެތައް މާއްދާތައަން ރައީސަށް ލިބިގެންވާ ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ވެރިކަމާއި ސިފައިންގެ ވެރިކަން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާއިރު، ގާނޫނުއަސާސީން ބާރުގެ ބޭނުންކޮށްގެން އެ މަގާމުތަކަށް ރައީސުލް ޖުމްހޫރިއްޔާއަށް ބޭފުޅުން އައްޔަން ކުރެއްވޭނެ ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ ގާނޫނު އަސާސީން ރައީސަށް އެބާރު ލިބިގެންވާއިރު، ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ސިވިލް ސާވިސް މުވައްޒަފަކާ އެބާރުތައް ހަވާލު ކުރެވޭނެ ގޮތެއްވެސް ހޯދިދާނެ ކަމަށެވެ.