ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ޖަމިއްޔާތައް ކަމަށްވާ، މަޓާޓޯ، ބޯޓިންގް އެސޯސިއޭޝަން، ގެސްޓް ހައުސް އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރާ ބައްދަލުކޮށްފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް ހަމީދު ވިދާޅުވީ މި ބައްދަލުވުންތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ.
އެގޮތުން ހުރިހާ އެންމެން ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތް ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް އެކަންކަން ހައްލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ސަރުކާރުން ވެދެއްވެން ހުރި އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުތައް ހުރިގޮތުން ޓެކްސް ދެއްކުން ލަސްކުރެވެން ނެތް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވިކަން އިސްމާއީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖޫރިމަނާ ކަހަލަ ކަންކަމުން ލުއި ފަސޭހަތަކެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އިސްމާއީލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް ދިމާވެފައިވަނީ ގާތްގަނޑަކަށް އެއް މައްސަލަތަކެއް ކަމަށެވެ. އަދި އެދާއިރާގެ ހަތަރު ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ މި ދަނޑިވަޅުގައި މި ކަންކަމުން އަރައިގަތުމަށް ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
އެގޮތުން އެއްބަޔަކު އަނެއް ބައެއްގެ ވަސީލަތްތައް ހިއްސާކޮށްގެން ނަަވެސް މިހާރު މަސައްކަތް ކުރަނީ ވިޔަފާރިތައް ހިންގޭނެ ގޮތެއް ބެލުމަށް ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އިސްމާއިލް އިތުރަށް ވިދާޅުވީ، މިދަނޑިވަޅުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް ދިރާސާއެއް އެފަރާތުން ފަށާފައިވާ ކަމަށެވެ. އެ ދިރާސާގެ މައްޗަށް އެކަންކަން ހައްލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެވޭނެ ގޮތްތަކެއް ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މަޓާޓޯ އާއި ޓްރެވަލް އެޖެންޓް އެސޯސިއޭޝަން ގުޅިގެން ޓްރެވަލް އެޖެންޓުންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.