ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި މަރުތަކުގެ މައްސަލަތައް ވެސް ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖަިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތެރެއިން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނާއި ހަގީގަތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަނުން ވަކި ތާރީޚެއްގައި ހިނގާފައިވާ މައްސަލަތައް ބެލުމަށް ނިންމާފައި ވާތީ އެކަން ކުށްވެރި ކުރައްވައި މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުން ފައިސާއެއް ގެއްލިއްޖެ ނަމަ އެކަން ބަލައި ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ވަކި ތާރީޚެއްގައި ހިންގާފައިވާ މައްސަލަތައް ބެލުމަކީ އިޚުލާސްތެރިކަމެއް ނެތް ކަމެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ކޮމިޝަނުން ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނާ މައްސަލަތައް ވެސް ބަލަން ޖެހޭނެ ކަމަށެވެ.
އަދި ރައީސް މުހައްމަދު އަމީން އާއި ރައީސް އިބްރާހީމް ނާސިރު އާއި ރައީސް މައުމޫން އާއި ރައީސް ވަހީދުގެ ސަރުކާރުގައި ހިންގާފައިވާ ޖަރީމާތައް ވެސް ބަލައި ތަހުގީގު ކުރެވެން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ވަރަށް ގިނަ އަނިޔާތައް ވެފައިވާ ކަމަށާއި، ބައެއް މީހުންނަށް ވީ ނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ. އެގޮތުން ދެކުނު ބަޣާވާތުގައި ކަންކަން ހިނގާފައިވާ ގޮތާއި، ރައީސް ނާސިރުގެ ވެރިކަމުގައި ތިނަދޫ މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެއީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ އެބިލަކީ ހަސަދަވެރިކަމާއި ފިތުނަވެރިކަމުގެ ތެރެއިން ހުށަހެޅި ބިލެއް ކަމަށެވެ. އަދި ގާނޫނުތަކާއި ޚިލާފަށް ސަރުކާރުން އަމަލުކުރާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ މިސަރުކާރު ދެމި އޮވެއްޖެނަމަ ގާނޫނު އަސާސީ ދެމި ނޯންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަން ކަނޑައަޅާފައިވަނީ 1 ޖެނުއަރީ 2012 އިން 17 ނޮވެންބަރު 2018 އާއި ދެމެދު ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކެވެ.