ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އިނގޭނެ ފަދަ ދަފުތަރެއް އެކުލަވާލައި އަސާސީ ޚިދުމަތްތަކާއި އެހީތެރިކަން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ލިބޭނެ މަގުފަހިކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ޝިއާރަކީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި ބައިވެރިވުން އިތުރުކުރުމާއި އަދި ހަމަހަމަކަން ކަށަވަރުކުރުން"ކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެހެން މީހުންނެކޭ އެއްފަދައިން ޝާމިލުވެ އުޅުމުގެ މަގު ތަނަވަސްކޮށްދީ ހަވާސާވެފައިވާ ބައެއް ކަމަށް އެފަދަ ފަރާތްތަކަށް އިހުސާސް ކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
"މީގެއިތުރުން މިފަރާތްތައް ބާރުވެރިކުރުވައި އަދި ބައިވެރިވުން އިތުރުކުރެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކޮށްގެން ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި މި އަމާޒުގައި މަސައްކަތް ކުރެވިއްޖެނަމަ އިޖުތިމާއީ ގުޅުންތައް މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށްވެސް ގަބޫލުކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށާއި މީގެއިތުރުން މިފަދަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ތެރެޕީތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ނިޒާމެއް އެކުލަވާލުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
ޝިދާތާގެ ޚިތޯބުގައި އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމީ ގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކުރަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި ގާބިލު މުދައްރިސުން ބިނާކުރުމާއި ކިޔަވައިދިނުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް ވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ބައިވެރިވެ އުޅުމުގެ ހައްގުތައް ހޯދައިދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ރާވައި ހިންގޭ ތަފާތު ކުޅިވަރިތަކާއި ސަޤާފި އަދި އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގައި މިފަދަ ފަރާތްތަކަށް ބައިވެރިވެ ހުނަރު ދެއްކުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. އަދި
ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި މަގުފަދަ ތަންތަން ހުންނަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށާއި އާންމު ޚިދުމަތް ދޭ އިމާރާތްތަކަށް ވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރުގެ ޚިތޯބުގައި ފާހަގަކުރެއްވި އެވެ.
"މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެފަރާތެއްގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަމަށް ބަލައި އެކަށޭނެ ވަޒީފާތައް ދިނުމަށް ޚާއްސަ ސަމާލުކަމެއްދީ އެފަރާތްތަކަށް ރައްކާތެރި އަދި އިހުތިރާމު ލިބިގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ބޭނުންވޭ. ހަމައެހެންމެ ގައުމުގެ އިގުތިސާދީ ނާރެހުގައި މިފަދަ ފަރާތްތައް ޝާމިލުކުރުމުގެ ގޮތުން މަސައްކަތްތެރިކަމުގެ ބާޒާރުގައި މިފަދަ ފަރާތްތަކާ މެދު ހުރި ތަފާތުކުރުންތައް ނަތްތާލަން ބާރުއަޅަން ޖެހޭ." މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާގެ ޚިތޯބުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންނާއި އިދާރާތަކުން މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތައް ފާހަގުރައްވައި އެފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.