އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 49

އަބްދުﷲ ފާރޫގް ހަސަން

6

(04 އޭޕްރީލް ގެ އަދަދާއި ގުޅޭ)

"ނޫނެކެވެ. ބޭބޭއެވެ! އަޅުގަނޑު ދާނީ ބައްޕާފުޅުގެ އަރިހުގައެވެ. އަޅުގަނޑަށް ހިނގައިލައިފައިވެސް ދެވިދާނެއެވެ. ފާލިކީއާއި، އެއްޗެހިކޮޅުގެންދާ މީހުން ދޮރޯށީން ބޭރަށް ނުކުމެއްޖެއެވެ. ماه بانو އާއި ޒަރުބަޚުތާ ދެބޭފުޅުން އެމީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. ماه بانو ދޮރޯއްޓާ ހަމަޔަށް ވަޑައިގެންފައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ފަހަތަށް އެނބުރިވަޑައިގެން ވިއްސަކަށް ފިޔަވަޅު ދުރުގައި ދެލޮލުން ކަރުނަ ފޮހެފޮހެ ހުރި ޚާދިމާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ماه بانو ގިސްލައްވަމުން ދުވެވަޑައިގެންފައި ވަޑައިގެން ޚާދިމާއާ އޮޅުލައިވަޑައިގެންފިއެވެ.

މުސްކުޅި ޚާދިމާ ماه بانو ގެ އިސްތަށިފުޅުގައި ފިރުމައިލައިފައި ދެންނެވިއެވެ. "ދަރިފުޅާއެވެ. ހިތްވަރުފުޅު ގަދަކުރައްވާށެވެ. އޭނާ ދަރިފުޅުގެ ދުޝްމިނަކަށް ނުވާނެއެވެ."

ماه بانو ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު ޒަރުބަޚުތު ބޭރަށް ނުކުމެވަޑައިގެންފިއެވެ. ހަވޭލީގެ ގޯތިތެރޭގައިތިބި ކާއޫސާއި، މުސްކުޅި ޚާދިމާއާއި އެހެން ނޯކަރަކާ ތިންމީހުންނެވެ. ماه بانو ވިދާޅުވިއެވެ. "ނޫނެކެވެ. ދެނެއް އޭނާ ވަޑައެއް ނުގަންނަވާނެއެވެ. އަހަންނަށް އަހަރެންގެ ހިތަކަށް ކެއްސެއް ނުދެވޭނެއެވެ. އަހަރެމެން ދެމީހުންނަކަށް ދެނެއް އެކަކު އަނެކަކު ނުފެންނާނެއެވެ. އޭނާ މިގެޔަށް ވަޑައިގެންފިނަމަ ދަންނަވާށެވެ. އަހަރެމެން އޭނާގެ ކޮއްކޮގެ ކިބަޔަކުން އޭނާގެ ދުޝްމިނުކަމުގެ ބަދަލެއް ނުހިފާނޫއެވެ. އެކަމަކު މޮޔަ އަންހެންކުއްޖަކު އޭނާއަށްޓަކައި ކަރުނަ އޮހޮރުވި ވާހަކަ އެއްގޮތަކަށްވެސް ބުނެގެން ނުވާނެއެވެ."

ޒަރުބަޚުތު ދޮރޯށީން އެތެރެޔަށް ވެދެވަޑައިގެންފައި ގޮވައިލެއްވިއެވެ. "ماه بانو އެވެ. ކޮއްކޮ ކީއްކުރައްވަނީތޯއެވެ. "ބޭބޭފުޅާއެވެ. މިއަންނަނީއެވެ." ماه بانو މިހެން ވިދާޅުވެފައި ދޮރޯށްޓާ ދިމާޔަށް ވަޑައިގެންފިއެވެ.

قبــاد ހަވޭލީން ނުކުމެވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެފަހުން އަވަށުގެ މީހެއް ދުވެފައި އައިސް ހަވޭއްޔަށް ވަދެއްޖެއެވެ. އޭނާ ކާއޫސަށް ޚަބަރު ދިނެވެ. އަސްވާރުންގެ ބަޔަކު މިދިމާޔަށް އެބައާދެއެވެ. ކާއޫސް އަވަސްއަވަހަށް ދޮރޯށި ލައްޕައި ތަޅުލައިފިއެވެ. އޭނާގެ ދެންހުރި އެކުވެރިޔާގެ ގާތުގައި ތުރުކަހާއި ދުނިއުރަ ގެންނާން ބުނެފައި ދުވެފައިގޮސް ފުރާޅުމައްޗަށް އަރައިފިއެވެ. މާގިނައިރެއް ނުވަނީސް އަސްވާރުން އެދިމާޔަށް އަންނާތީ ފެނިއްޖެއެވެ. އަސްވާރުން އައިގޮތަށްއައިސް ދޮރޯއްޓާ ވިއްސަކަށް ފިޔަވަޅު ދުރަށް މަޑުކޮށްލައިފިއެވެ. حسّان ކާއޫސާ ދިމާޔަށް ބައްލަވައިލައްވައިފައި ކުރިޔަށް ވަޑައިގެން ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ކާއޫސެވެ. ކަލޭގެ ސާހިބާގެ އަރިހުގައި ދަންނަވާށެވެ. އަހަރެން އޭނާގެ ފައިންޕުޅު ދެކޭން ބޭނުމެވެ."

ކާއޫސް ޖަވާބުދިނެވެ. "އޭނާ އުޅުއްވަނީ އާލާސްކަންފުޅާއެވެ. ދޮރު ހުޅުވާކަށެއް އަޅުގަނޑަކަށް ހުއްދައެއް ނެތެވެ."

"ޒަރުބަޚުތު ކޮބައިހެއްޔެވެ؟"

"އޭނާ ގެޔަކު ނުއުޅުއްވައެވެ."

"އެންމެ ރަނގަޅެވެ. ކަލޭގެ ސާހިބާގެ އަރިހުގައި ދަންނަވާށެވެ. އަހަރެން މިއައީ އޭނާއަށް ވަރަށް ޚާއްޞަ ސިޓީފުޅެއް ހިފައިގެންނެވެ. މިހިސާބުގަނޑުގެ މީހުންގެ ތެރެއިން ހަނގުރާމައިގައި ހައްޔަރުވި އެންމެން ދޫކޮށްލެވިއްޖެއެވެ. މިއަވަށުގެ ހަތަރު މީހަކު އަހަންނާއެކުގައިވެސް އައެވެ. ދެންތިބި މީހުން ފައިމަގުގައި އެބައާދެއެވެ. ކަލޭގެ ސާހިބާއާއި އޭނާގެ ޢާއިލާގެ ބޭފުޅުންނާމެދު މުސްލިމުންގެ ނިޔަތް ނުބައެއް ނޫންކަމަށް އެމީހުން ހެކިވާނެއެވެ."

ކާއޫސް حسّان ގެ އަރިހުގައި އައި އަސްވާރުންނާ ދިމާޔަށް ވިސްނުންތެރިކަމާއެކު ބަލައިލިއެވެ. އެ އަވަށުގެ ހަތަރުމީހުން ފާހަގަކުރާކަށެއް އޭނާއަށް އުނދަގުލެއް ނުވިއެވެ. حسّان ވަޑައިގެންނެވުމުން ކުޑައިރުކޮޅެއްގެކުރީން ގޭގެޔަށްވަދެ ފިލި އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީން ގޭގެއިން ނުކުމެގެންއައިސް حسّان އަރިހުގައި އައި އެއަވަށުގެ ހަތަރު މީހުން ވަށައިލައިފިއެވެ.

ކާއޫސްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިވަޑައިނުގެންނެވުމުން حسّان އަނެއްކާވެސް ވިދާޅުވިއެވެ.

"ކާއޫސެވެ. ކަލޭގެ ސާހިބާގެ ހާލުކޮޅު މާބޮޑަށް ގޯސްކަމުގައިވާނަމަ އޭނާގެ ފިކުރުފުޅު ބޮޑުކުރުވާކަށެއް އަހަރެމެން ނުއުޅޭނަމެވެ. އަހަރެން މިގޭގެ ބޭރުގައި އޭނާގެ އަރިހުން ލިބޭ ޖަވާބަކަށް އިންތިޒާރު ކުރާނަމެވެ. ކަލޭ ދޮރާށި ތިޔަ ބަންދުކުރީ ކޮންމެވެސް ނުރައްކަލަކަށްޓަކައި ކަމަށްވާނަމަ އަހަރެން ކަލެޔަށް ޔަޤީންކަންދެމެވެ. މިގެ ޙިމާޔަތްކުރުމަކީ އަހަރެންގެ އެންމެ އިސްވާޖިބެވެ. ޒަރުބަޚުތު އެތެރޭގައި ހުންނެވި ކަމުގައިވާނަމަ އޭނާއަށް ދަންނަވާށެވެ."

ކާއޫސް ޖަވާބެއްނުދީ ހަދާނެގޮތެއް ނޭނގިގެން އެއްފަހަރު حسّان އާ ދިމާއަށް އަނެއްފަހަރު حسّان ގެ އަރިހުގައި އައި އެއަވަށުގެ ހަތަރުމީހުނާ ދިމާޔަށް ބަލަމުން ގެންދެއެވެ. حسّان ޤައިދުން ސަލާމަތްކުރައްވައިގެން ގެންނެވި ހަތަރު މީހުން އެމީހުންގެ ތިމާގެމީހުނާ ވާހަކަދައްކާން ފަށައިފިއެވެ. ކުއްލިޔަކަށް އޭގެތެރެއިން އެކަކު އަސްދުއްވައިފައި حسّان ގެ އަރިހަށްއައިސް ހަޅޭއްލަވައިގަތެވެ. "ކާއޫސް އެހަދަނީ ދޮގެވެ. ޒަރުބަޚުތުވެސް އޭނާގެ ބައްޕާފުޅެއްވެސް ގެޔަކު ނުއުޅުއްވައެވެ. އެބޭފުޅުން މަދާއިނަށް ފުރައިވަޑައިގެންފިއެވެ. އަވަށުމީހުންވީ އެބޭފުޅުންގެ ދަތުރުފުޅު އެރެހައްޓަން ކޯރުގެ އައްސޭރިޔަށް ގޮހެވެ. އަޅުގަނޑުގެ ބޮޑުބޭބެ ބުނީ އަޅުގަނޑުގެ ބޭބެވެސް އެބޭފުޅުންގެ އަރިހުގައި ހިނގައްޖެ ކަމުގައެވެ. އެބޭފުޅުން ވަޑައިގެންނެވިތާ މާގިނައިރެއް ނުވެއެވެ. އަދި އެބޭފުޅުންނަށް ކޯރު ހުރަސްނުކުރެއްވެވި ތިއްބެވުން އެކަށީގެންވެއެވެ."

حسّان އަވަސްއަވަހަށް އަސް އަނބުރައިލައްވައި ކޯރާ ދިމާޔަށް އަސް ދުއްވައިލައްވައިފިއެވެ. حسّان ގެ އެކުވެރީންވެސް އޭނާގެ ފަހަތްޕުޅުން އަސް ދުއްވައިލިއެވެ.

+ + + + +

قبــاد އާއި އޭނާގެ ދަރިކަނބަލުން ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. އެބޭފުޅުންގެ އަރިހުގައި ގެންދަވަން ހަމަޖައްސަވައިފައިވާ އަށްމީހުންވެސް ބައްތެއްޔަށް އަރައިފިއެވެ. ޒަރުބަޚުތު ކޯރުގެ އައްސޭރީގައި ހުންނަވައި އެބޭފުޅުންގެ ދަތުރުފުޅު އެރެހައްޓަން އަވަށުން ދެން އައިސްތިބި މީހުނާ ވާހަކަ ދައްކަވަނީއެވެ.

"މުސްލިމުންނާއި އަހަރެމެންނާ ދެމެދު ނިޔާކަނޑައެޅޭ ހަނގުރާމަޔަކަށް ތިޔަބައިމީހުން ތައްޔާރުވާށެވެ. ދެން އަހަރެމެން ދުޝްމިނުންނާ ޙަމަލަދޭނީ ފުރިހަމަ ބާރާއެކުގައެވެ. މުސްލިމުންނަކަށް އަދިއެއް އަހަރެމެންގެ އެތްތަކެއް ނުފެނެއެވެ. ވަރަށް ޝަރަފުވެރި ވަރަށްބޮޑު ފަތަޙައެއްގެ ބައިވެރީން ކަމުގައިވާން ތިޔަބައިމީހުން ތައްޔާރުވެ ތިބޭށެވެ. ތިޔަބައިމީހުންނަށް އަހަރެންގެ ބައްޕާފުޅުގެ ހާލުކޮޅު ފެންނާނެއެވެ. ބައްޕާފުޅަށް ބޭސްކޮޅު ހަދަން ރަނގަޅު ބޭސްވެރިޔަކު ބޭނުމެވެ. ބައްޕާފުޅު މަދާއިނަށް ގެންދެވުމުން އަހަންނަށް ހިތްހަމަޖައްސައިލައިގެންހުރެ ހަނގުރާމައިގައި ބައިވެރިވެވޭނެއެވެ. އަހަރެން ވަރަށްއަވަހަށް އެނބުރި އަންނާނަމެވެ. އަހަރެން އެނބުރި އަންނަންދެން ތިޔަބައިމީހުންގެ މަސައްކަތަކަށް ހަދާންވާނީ މިހިސާބުގަނޑުގައި ތިބި ކަނޑި އުފުލައިލަން އެކަށީގެންވާ އެންމެން މިއަވަށަށް ޖަމާކުރުމެވެ."

ޒުވާނަކު ހަޅޭއްލަވައިގަތެވެ. "އެބައިމީހުން އެބައާދެއެވެ. މަނިކުފާނު އަވަހަށް ބައްތެއްޔަށް އަރައިވަޑައިގަންނަވާށެވެ." ޒަރުބަޚުތު އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. ސިކުންތުކޮޅެއްހައި އިރަށް އޭނާގެ ފައިންޕުޅު ބިންމަތީގައި ތަތްވިއެވެ. ތިންސަތޭކަ ވަރަކަށް ގަޒުގެ ދުރުން ސަވާރުންތަކެއް ގަސްތަކުގެ ތެރެއިން ނިކުންނާން ފަށައިފިއެވެ. އެންމެ ކުރިޔަށް އިންނެވީ حسّان އެވެ. ޒަރުބަޚުތު ފުންމައިވަޑައިގެން ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. އޭނާ މައްލާހުންނާ ދިމާޔަށް ހަޅޭފުޅުލައްވައިގެންނެވިއެވެ. ބައްތެލި އަވަހަށް އަނެއްފަރާތަށް ގެންދާށެވެ."

ޒުވާނެއް ބައްތެލީގެ ވާ މޮހައިލައިފިއެވެ. ފަޅުވެރީން ބައްތެލި ކަނބައިފައި އައްސޭރިޔާ ދުރަށް ގެންދާންފަށައިފިއެވެ. އޭރު قبــاد އޮންނެވީ ފާލިކީގައި މަޑުމަޑުން އޮށޯވެވަޑައިގެންނެވެ. قبــاد ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތު އޭނާގެ ދުނިދަނޑިކޮޅުގައި ދުންޏެއް ރުވައިލެއްވިއެވެ. އޭނާގެ އެކުވެރީން ކަނޑިތައް ދަމައިގަތެވެ. ماه بانو ހިތާމަފުޅާއި ކަންބޮޑުވެވަޑައިގެންނެވުމާއެކު އެއްފަހަރު އޭނާގެ ބައްޕާފުޅާ ދިމާއަށް އަނެއްފަހަރު ޒަރުބަޚުތާ ދިމާޔަށް އަނެއްފަހަރު ބާރު ދުވެލީގައި އަންނަ އަސްވާރުންނާ ދިމާޔަށް ބައްލަވަބައްލަވައި އިންނެވިއެވެ. حسّان އިންނެވީ އޭނާގެ އެކުވެރީންނަށްވުރެ ފަންސާހަކަށް ފަސްދޮޅަހަކަށް ފިޔަވަޅު ކުރީގައެވެ. އޭނާ އިންނެވީ އެއް އަތްޕުޅުމައްޗަށް ނަންގަވައިގެންނެވެ. ކޯރުގެ އައްސޭރިޔާ ހަމަޔަށް حسّان އަށް ވަޑައިގެންނެވުނުއިރު ބައްތެލިވަނީ އައްސޭރިޔާ ވިއްސަކަށް ފަނަރަވަރަކަށް ގަޒު ދުރަށް ގޮސްފައެވެ. އޭނާ ވަރަށްބާރަށް ގޮވައިލެއްވިއެވެ. "ޒަރުބަޚުތެވެ! މަޑުކުރައްވާށެވެ. އަޅުގަނޑު ދައްކާ ވާހަކަ އަޑުއައްސަވާށެވެ. އަޅުގަނޑަކީ حسّان އެވެ. ކަލާގެ އަވަށަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. ތިޔަބޭފުޅުން ޙިމާޔަތްކުރުމުގެ ޒިންމާއާ އަޅުގަނޑު ޙަވާލުވަމެވެ. އިރުކޮޅަކަށް މަޑުކުރައްވަ ބައްލަވާށެވެ!"

ބައްތެލީން ފޮނުވައިލި ތީރެއް ފަތުއަޑުކިޔައިފައި އައިސް حسّان ގެ ވާތްޕުޅުގެ މުލައްދަނޑިފުޅަށް ހެރިއްޖެއެވެ. އޭރު حسّان ގެ އެކުވެރީންވެސް ކައިރިޔަށް އަތުވެއްޖެއެވެ. އެމީހުން ކުޑަވެސް ލަސްކުރުމެއްނެތި އެމީހުންގެ ދުނިތައް ބައްތެލީގެ މީހުނާ އަމާޒުކޮށްލިއެވެ. އެވަގުތު حسّان ފަހަތަށް އެނބުރިވަޑައިގެން އެބައިމީހުނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. حسّان ބާރު އަޑުފުޅުން ވިދާޅުވެއެވެ. "ޚަބަރުދާރެވެ! އެބޭފުޅުންނާ ޙަމަލަދޭކަށެއް އަހަރެން އަމުރެއް ނުދެމެވެ."

حسّان އޭނާގެ އަތްޕުޅަށް ހެރިފައިހުރި ތީރު ކުއްލިޔަކަށް ލުއްސައިލައްވައިފައި އެއްލައިލެއްވިއެވެ. قبــاد ގެ ޢާއިލާގެ ދަތުރުފުޅު އެރެހައްޓާން އައިމީހުން ވިއްސިވިހާލިވެގެން އެކިފަރާތްފަރާތަށް ދުވާންފަށައިފިއެވެ. حسّان މަޑުކުރެއްވުމެއްނެތި އޭނާގެ އަސްމަތީގައި ކޯރަށް ފައިބައިވަޑައިގެންފިއެވެ. އޭނާ ބާރު އަޑުފުޅުން ހަޅޭފުޅު ލައްވަވާން ފައްޓަވައިފިއެވެ.

"ޒަރުބަޚުތެވެ. ބައްތެލި މަޑުކުރައްވާށެވެ! އަޅުގަނޑުގެ ވާހަކަ އަޑުއައްސަވަ ބައްލަވާށެވެ. ތިޔަބޭފުޅުން ވަޑައިގަންނަވާން ބޭނުންފުޅުނަމަ އަޅުގަނޑު ތިޔަބޭފުޅުންނެއް ނުހުއްޓުވާނަމެވެ. އަޅުގަނޑު މިއައީ ކަލާގެ ބައްޕާފުޅުގެ އަރިހަށް ވަރަށް މުހިންމު ސިޓީފުޅެއް ހިފައިގެންނެވެ. ކަލާގެ އަވަށާއި ކަލާގެ ގެވަނީ ރައްކާތެރިކަމުގައެވެ. ކަލާ ފިލައިވަޑައިގެންނެވުމުގެ ބޭނުމެއްނެތެވެ."

ماه بانو ފެންކަޅިފުޅުވެފައިވާ ލޯފުޅަކުން އެހިތްދަތި މަންޒަރު ބައްލަވާން އިންނެވިއެވެ. قبــاد ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ދޫފުޅުވަނީ ބަންދުވެފައެވެ. ނޯކަރުންގެ މީހެއް އޭނާ ފާލިކީގައި ބާއްވަން އުޅުނެވެ. ނަމަވެސް قبــاد އޭނާގެ އަތްފޮޅުއްވައިލައިވައިފިއެވެ. قبــاد ގެ ތުންފަތްޕުޅު ތުރުތުރުއަޅައެވެ. އޭނާގެ ކަރުފުޅުގެ ތެރެއިން އޮޅުންނުފިލާކަހަލަ އަޑުފުޅެއް ނުކުމެއެވެ. އޭނާ އަތްޕުޅުން އިޝާރަތްކުރައްވައިފައި ޒަރުބަޚުތަށް ކޮންމެވެސް އެއްޗެއް ވިސްނައިދެއްވަން މަސައްކަތް ކުރައްވަނީއެވެ. ނަމަވެސް ޒަރުބަޚުތު ހުންނެވީ ބައްތެލީގެ އަނެއްކޮޅުގައެވެ. އޭނާގެ ހުރިހައި ސަމާލުކަމެއް حسّان އާ ދިމާޔަށް ހުއްޓައިލައްވައިގެންނެވެ. ވަށައިގެން ހިނގާ އެހެން އެއްވެސްކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. قبــاد ގެ ފިކުރުބޮޑުވެވަޑައިގެންނެވުން ވިސްނިގެން ފަޅުވެރީން ވަކީން ބާރަށް ފަލިޖަހަމުން ގެންދެއެވެ. حسّان ކޯރުގެ ފުން ހިސާބަށް ވަޑައިގެންނެވުމުން އަސްމަތީން ފައިބައިވަޑައިގެންފިއެވެ. އަސްދާނުގޮނޑީގައި ހިފަހައްޓަވައިގެން އަހާއެކު ފައްތަވަމުން ވަޑައިގަންނަވައެވެ. މިހާރު އޭނާޔަށް ކުރިޔަށް ވަޑައިގެންނެވެނީ ބައްތެއްޔަށްވުރެ މާމަޑުންނެވެ. ބައްތެލި ދިޔައީ އޭނާއާ ހައްތާ ދުރުވަމުން ކަނދުރާފުޅުގެ ތިރިން حسّان ގެ މުޅިހަށިކޮޅުވަނީ ފެންގަނޑުގެ ތެރޭގައި ފޮރުވިފައެވެ. ކޯރުގެ ފުން ހިސާބު ކަޑައްތު ކުރެއްވުމަށްފަހު އުނަގަނޑުތާ ފެނަށް ވަޑައިގެންނެވުމުން އޭނާ އަނެއްކާވެސް އަސްމައްޗަށް އަރައިވަޑައިގެންފިއެވެ. އޭރު ބައްތެލި އައްސޭރިއަށް ބީއްސައިފިއެވެ. حسّان ގެ އަސް ފުމެމުން ދުވެފައިގޮސް ކަށިމަތިތާ ފެނާ ހަމަޔަށް ހިނގައްޖެއެވެ. ޒަރުބަޚުތު ހަމަޖެހިވަޑައިގެން حسّان އާ ދިމާޔަށް އޭނާގެ ދުނި އަމާޒުކުރައްވައިފިއެވެ. ماه بانو ވޭނާއި އަސަރާއެކު އޭނާގެ ލޯފުޅު މަރުއްވައިލެއްވިއެވެ. قبــاد ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. އޭނާގެ ނޯކަރުންނާއި ބައްތެލީގެ ފަޅުވެރީން ހައިރާންކަމާއެކު އޭނާއާ ދިމާޔަށް ބަލަހައްޓައިގެން ތިއްބެވެ. قبــاد ތުރުތުރުއަޅައިވަޑައިގަތުމާއެކު އަރިއަޅަމުން ކުރިޔަށް ވަޑައިގެންނެވިއެވެ. އޭނާގެ ހަށިކޮޅުގެ ބާރު ހުސްވެއްޖެއެވެ. އޭނާ ޒަރުބަޚުތުގެ ގައިކޮޅުގައި އޮޅުލައިވަޑައިގަންނަވާން އުޅުއްވިއެވެ. ޒަރުބަޚުތު އެއްފިޔަވަޅު ކުރިޔަށް ކޮއްޕައިލެއްވިއެވެ. އެއާއެކު ޒަރުބަޚުތުގެ ދުނިދަނޑީން ވީއްލިގެންދިޔަ ތީރު ގޮސްހެރުނީ حسّان ގެ އަހުގެ ނިތްކުރިޔަށެވެ. ޒަޚަމުވެފައިވާ އަސް ތެޅިގެންފައި އޭގެ ސަވާރާއެކު ފެންގަނޑުގެ ތެރެޔަށް ވެއްޓިއްޖެއެވެ.

ماه بانو ގެ އަނގަފުޅުން ވޭނީ ހަޅޭފުޅެއްގެ އަޑު ނިކުތެވެ. އޭނާ "ލޯބިވާ ބައްޕާފުޅާއެވެ! ލޯބިވާ ބައްޕާފުޅާއެވެ!" ވިދާޅުވަމުން ކުރިޔަށްވަޑައިގެން قبــاد ނަންގަވަން މަސައްކަތްޕުޅު ކުރައްވާން ފައްޓަވައިފިއެވެ. ޒަރުބަޚުތު ދުނިދަނޑި އެއްފަރާތެއްގައި ބާއްވަވައިފައި ماه بانو އަށް އެހީވެދެއްވިއެވެ. ދެބީނުންގެ މަސައްކަތްޕުޅުން قبــاد އުޑުތިލަފުޅުމަތީން ބޭއްވެވިއެވެ. قبــاد ގެ ލޯފުޅުހުރީ ހުޅުވިފައެވެ. ނަމަވެސް އޭނާގެ ލޯފުޅުގެ ކުރިމަތީގައިވަނީ މަރުގެ ފަރުދާ ދަމައިލެވިފައެވެ. ނޯކަރެއް އޭނާގެ އަނގަފުޅަށް ފެންފޮދެއް އެޅިއެވެ. ނަމަވެސް އެފެންފޮދު قبــاد ގެ ކަރުފުޅުން އެތެރެޔަށް ދިޔުމުގެ ބަދަލުގައި ދިޔައީ قبــاد ގެ ދެމިޔަކަންފުޅުން ފައިބައިގެންނެވެ. ޒަރުބަޚުތު قبــاد ގެ ވިންދު ބައްލަވައިލެއްވިއެވެ. އޭނާ ހަޅޭފުޅުލައްވައިގެންނެވިއެވެ. "ބައްޕާފުޅާއެވެ! ބައްޕާފުޅާއެވެ!" މުސްކުޅި ފަޅުވެރިޔަކު ދެންނެވިއެވެ. ދެނެއް އޭނާއަކަށް އަޑެއް އިވިވަޑައެއް ނުގަންނަވާނެއެވެ. ދެން މަނިކުފާނު އަމިއްލަފުޅު ސަލާމަތަށް މަސައްކަތްކުރައްވާށެވެ. އެފަރާތް ބައްލަވަ ބައްލަވާށެވެ. އެހުރިހާ އެންމެންގެ އަސްތައް ކޯރަށް ފައިބައިފިއެވެ. މިހިސާބަށް އަންނާކަށެއް މާގިނައިރެއް ނުވާނެއެވެ."

ޒަރުބަޚުތު އަނެއްފަރާތުގެ އައްސޭރިޔަށް ބައްލަވައިލެއްވިއެވެ. އޭނާ އަވަސްއަވަހަށް ދުނިދަނޑި ނަންގަވައިގެން ކަކޫފުޅު މައްޗަށް އިށީނދެވަޑައިގެންފިއެވެ. حسّان ވިއްސަކަށް ގަޒު ދުރުގައި ކަށިމަތިތާ ފެނުގައި އޭނާގެ އަހާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. ޒަރުބަޚުތު ދުނިއުރައިން ދުންޏެއް ނަންގަވައިފައި ދުނިދަނޑީގައި ރުވައިލެއްވިއެވެ. ماه بانو ތުރުތުރުއަޅައިވަޑައިގެންނެވުމާއެކު ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. ماه بانو ޒަރުބަޚުތާ އޮޅުލައިވަޑައިގެން ހަޅޭފުޅުލައްވަވަން ފައްޓަވައިފިއެވެ. "ނޫނެކެވެ! ބޭބޭފުޅާއެވެ! އެބައިމީހުން އެތިބަ އަންނަނީއެވެ. އޭނާ ޤަތުލުކުރައްވައިފިނަމަ ބޭބެއަކަށް ސަލާމަތްވެވަޑައެއް ނުގެންނެވޭނެއެވެ."

ޒަރުބަޚުތު ހަޅޭފުޅުލައްވަވަމުން ގެންދެވިއެވެ. "ماه بانو އެވެ. އަޅުގަނޑު ދޫކޮށްލައްވާށެވެ. މަރުވެދާނެތީއެއް ބޭބެ ފަރުވާލެއްނެތެވެ. އެކަމަކު حسّان އަޅުގަނޑުމެންގެ އާރެއްބާރެއް ނެތްކަން ބެއްލެވިޔަކަ ނުދޭނަމެވެ. ޒަރުބަޚުތު ماه بانو އެއްފަރާތަކަށް ކޮއްޕައިލައްވައިފައި حسّان އާ ދިމާޔަށް ދުނި އަމާޒުކޮށްލެއްވިއެވެ. ނަމަވެސް ماه بانو ޒަރުބަޚުތު ދުނިޖައްސަވާނެ ފުރުޞަތެއް ނުދެއްވިއެވެ. ވެއްޓިވަޑައިގެންނެވުމާއެކު ނުހަނު ހަލުއިކޮށް ތެދުވެވަޑައިގެން ޒަރުބަޚުތުގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފިއެވެ. ماه بانو ހަޅޭފުޅުލައްވައިގެންނެވިއެވެ. "ބޭބެ އަމިއްލަފުޅަށް އަވަހާރަވިޔަކަ އަޅުގަނޑު ނުދޭނަމެވެ. ލޯބިވާ ބޭބޭއެވެ! އެންމެފުރަތަމަ އަޅުގަނޑު ޤަތުލުކުރައްވާށެވެ."

"މޮޔަކުއްޖާއެވެ! އަހަރެން ދޫކޮށްލާށެވެ. އަހަންނަކަށް ކޮއްކޮ އަޅުވެތިކުރެވޭ މަންޒަރު ދެކޭކަށެއް ނުހުރެވޭނެއެވެ. އެއީ އަހަރެމެންގެ ބައްޕަގެ ޤާތިލެވެ. އަހަރެން އޭނާ ދިރިހުއްޓައެއް ދުލެއް ނުކުރާނަމެވެ."

"ނޫނެކެވެ. ބައްޕާފުޅު އުޅުއްވީ ބޭބެ ދުނިއުއްކެވުން މަނާކުރައްވަންވެގެންނެވެ. حسّان ވަޑައިގެންނެވީ ހަނގުރާމައިގެ ނިޔަތަކު ނޫންކަން ބައްޕާފުޅަށް ވަނީ ޔަޤީންވެވަޑައިގެންފައެވެ. ބޭބޭފުޅާއެވެ! ދުނިދަނޑި އެއްލައިލައްވާށެވެ. އޭނާ އަނބުރައި ފޮނުވުމުގެ ޒިންމާ އަޅުގަނޑާ ހަވާލެވެ."

ޒަރުބަޚުތު އޭނާގެ ތުންފަތްޕުޅު ހައްޕަވަމުން ވިދާޅުވިއެވެ. "ކޮއްކޮ.... ކޮއްކޮ ބޭނުންފުޅީ އޭނާއާއެކުގައި ވަޑައިގަންނަވަންތޯއެވެ؟"

ماه بانو ވިދާޅުވިއެވެ. "ބޭބެއަކީ މޮޔައަކީމުއެވެ. އަނިޔާވެރިޔަކީމުއެވެ. އެކަމަކު އަޅުގަނޑަކީ ބޭބެގެ ކޮއްކޮއެވެ. ބޭބެގެ ލޭފޮދާ އަޅުގަނޑުގެ ލޭ ތަފާތެއް ނޫނެވެ. އެކަން ސާބިތުކޮށްދޭން އަޅުގަނޑަށް އެންމެފަހަރަކު ފުރުސަތު ދެއްވާށެވެ. އަޅުގަނޑަށް އޭނާ ކުރިޔަށް ވަޑައިގެންނެވިޔަނުދީ ނުހުއްޓުވިއްޖެނަމަ ބޭބެގެ ދުނިއުރަ އެކަށް ހުސްކޮށްލެއްވިޔަސް އަޅުގަނޑު އެކަން މަނައެއް ނުކުރާނަމެވެ." ماه بانو އެހެން ވިދާޅުވެފައި ޒަރުބަޚުތުގެ އުނަގަނޑުފުޅުގައި އޮތް ޚަންޖަރު ކުއްލިޔަކަށް ދަންމަވައިގެންފިއެވެ. ماه بانو އެނބުރިވަޑައިގެން حسّان އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. حسّان ވަނީ ތަންކޮޅެއް ކުރިޔަށް ވަޑައިގެންފައެވެ.

(ނުނިމޭ)