އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ އާލަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް، ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުތޯ، ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިގެން ކުރިއަށް ގެންދާ ބަހުސަކީ، ކޮވިޑް 19 އާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކުރައްވާ އަމުރުތަކަކީ ރަނގަޅު ކަންތައްތަކެއް ނޫންކަން އެންގުމަށް، ނުވަތަ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔަން ހިންގާ ބަހުސެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމައްސަލައަށް މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ބަހުސްގެ ވަކި ހިސާބަކުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު، އިއުލާން ކުރާއިރު، ހައްގުތަކެއް ހިފޭޓޭނެކަމަށް އޮންނަ ކަމަށެވެ.
އަދި އެ ވަގުތުގައި ގާނޫނުއަސާސީއަށް އިސްލާހުގެނަސްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަނީ، ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިކުރެވިފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ހައްގުތައް ހަނިކުރެވެނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިިން ހަދާފައިވާ ގާނޫނަކުން ކަމަށާއި، މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ އާއްމުސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ، އެ ގޮތަށް ހަދާފައިވާ ގާނޫނަކުން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި ބަހުސަކީ، އޭގެ ދަށުން ހައްގުތައް ގެއްލިފައިވޭތޯ ކުރާ ބަހުސެއް ކަމަށެވެ. ނަމަވެސް މި ބަހުސްއަކީ، ޑިރެކްޓާޖެނެރަލް އޮފް ހެލްތު ކުރައްވާ އަމުރުތަކަށް ގޮންޖަހައި ސަރުކާރުން އަޅާ ފިޔަވަަޅުތަކަށް ފާޑުކިއުމަށް ބާއްވާ ބަހުސެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ޑިރެކްޓާޖެނެރަލް އަންގާ އެންގުންތަކާއި ކުރާ އަމުރުތަކަށް ރަނުން ރަނަށް ހުރިހާ ފަރާތްތަކުން ކިޔަމަންވާންޖެހޭ ކަމަށެވެ.