ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެންބަރުންގެ އިހުތިޖާޖުގެ ސަބަބުން ވޯޓަށް ނޭހި މިއަދުގެ ޖަލްސާ ނިންމާލައިފި

ގޮތް ނޭނގޭ މަރުތައް ބެލުމާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ދެ ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލުގެ މައްސަލައިގައި އިދިކޮޅު މެންބަރުން ފެއްޓެވި އިހުތިޖާޖު ހުއްޓުމަކަށް ނައުމުގެ ސަބަބުން ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

ސަރުކާރުން ވަނީ އެދެކޮމިޝަނަށް ތަހުގީގުތައް ފުރިހަމަ ބާރުވެރިކަމާ އެކު ހިންގުމުގެ ފުރުސަތު ދިނުމަށް ޓަކައި ގިނަ ކަންތައްތަކެއް ބިލުގައި ހުށަހަޅައިފަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު 1:30 ގައި ވޯޓަށް އަހަން އޮތީ ނިންމައިފަ އެވެ. އިދިކޮޅު މެންބަރުން ހޫނުވެ އިހުތިޖާޖު ކުރައްވަން ފެއްޓެވީ ރިޔާސަތުން ވޯޓަށް އައްސަވަން ތައްޔާރުވެވަޑައިގަތުމުންނެވެ.

މިއަދުގެ ބަހުސް މަރުހަލާގައި އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އެއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ފާސްކުރަން އުޅޭ ބިލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބިލުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ ކަމަށް ވެސް އެމެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ 2:30 އެހާ އިރު އެވެ.