މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބިއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ފަރާތުން ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ހައި ކޯޓަށް ވަޑައިގެންނެވި ކަމުގެ އަޑުތަކެއް ފެތުރިގެންދިޔަ އިރު، މިވަގުތު ހުންނެވީ ގޭގައި ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.
އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް އާޒިމާ ކޯޓަށް ވަޑައިގެން އުޅުއްވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕާޓީތަކުގެ އިސް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރައްވަމުންނެވެ.
އެކަމާ ގުޅޭގޮތުން އާޒިމާ ވަނީ ފޭސްބުކް މެދުވެރިކޮށް، އޭނާ ހުންނެވި ތަން ހާމަކުރައްވައިފައެވެ. އާޒިމާގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވާފައިވަނީ ތިމަންނާ މިހުރީ ގޭގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އާޒިމާގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އިދިކޮޅުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ސައްހަ ނޫން ނަތީޖާއެއް ކަމަށް ކަނޑައެޅުމަށް ހައި ކޯޓުގައި އާޒިމާ ވަޑައިގެން އުޅުއްވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.