ރައްޔިތުންގެ މަޖިލިސް

މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުރަހެއް އޮތް ކަމަކަށް ނުދެކެން: ހިސާން

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ގައުމުގައި މިހާރު އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތަކީ، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި، އެހެން ކަމުން މިހާރު މިއޮތް ހާލަތަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް، ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވާ ހާލަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އާއްމު ސިއްހަތުުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުތޯ، ކަނޑައެޅުމަށް މެންބަރުންގެ ހިޔާލަށް ހުޅުވާލައިގެން ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ގާނޫނުސަސާގެ 267 ވަނަ މާއްދާއިން ހަވާލާ ދެނީ، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ގޮތަށް އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތަށް ކަމަށެވެ.

ގާނުނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުުގެ ހާލަތު އިއުލާނު ކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ. އެއާއެކު 253 ވަނަ މާއްދާގައި ބުނަނީ، "ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދަނެ ފަދަ ކަމެއް، ކުރިމަތިވެއްޖެނަމަ ނުވަތަ، ބޭރުގެ ހަމަލައެެއް ކުރިމަތިވެއްޖެ ކަމުގެ ބިރު ހީވެއްޖެނަމަ ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި، ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ،" ކަމަށެވެ.

ހިސާން ވިދާޅުވީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ. އަދި އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ހުންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ، އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް، ދެއްވި ލަފާގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތުކަމުން މިއީ ގާނޫނުއަސާސީގައި ބުނާ ހާލަތުނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މިއީ ގާނޫނުއަސާސީއާ ތައާރަޒުވާ ހާލަތެއް ނޫންކަމުން މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.