ރައްޔިތުންގެ މަޖިލިސް

މިހާރު މިއޮތީ، ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށްބުނާ ހާލަތުތޯ ބެލުމަށް ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

މިހާރު ގައުމުގައި މިއޮތީ، ކުއްލި ނުރައްކަލުުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް، ގާނޫނުއަސާސީގައި ބުނެފައިވާ ހާލަތުތޯ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ފަށައިފިއެެވެ.

މި މައްސަަލައަށް ބަހުސް ފަށާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ގާނޫނަށް އިސްލާހު ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުން، މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލައަށް ބަހުސް ކުރުން ފަހަތަށް ޖައްސައިލުމަށްފަހުގައެވެ.

މިމަހު 4ގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާއި ގުޅިގެން ދެވަނަ ފަހަރަށް މިމަހު 18 އަށް ފަސްކޮށްފައިވީ ނަމަވެސް ކޮވިޑް 19ގެ ހާލަތު ރަނގަޅު ނުވާތީ އިންތިހާބު އެއަށްވުރެވެސް ފަސްކުރަން، ޖެހޭތީ އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް އިންތިހާބު ފަސްކުރެވޭ ގޮތަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020،" ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

ނަމަވެސް އެބިލުން އިންތިހާބު ފަސްކުރާއިރު، އަންނަ ޖޫން މަހުގެ ތިނަކަށް މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާނެ އެވެ.

އެހެންކަމުން އެ ބިލް ގާނޫނަކަށް ވެ އެ ގާނޫނުގެ ދަށުން އިންތިހާބު ކުރާ ކައުންސިލަރުން މަގާމުތަކާ ހަވާލު ވަންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްވެސް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ފަށަން އޮތް ނަމަވެސް، އެޖެންޑާއިން އެ ނަންބަރު ފަހަަތަށް ޖެއްސުމަށްހު މަޖިލިސް ރައީސް ބަހުސް ހުޅުވާލެއްވީ، މިހާލަތުގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެނެވިދާނެތޯ އުފެދޭ ސުވާލަށް ބަހުސް ކުރެއްވުމަށެވެ.

މި ބަހުސަށް ހުޅުވާލައްވަމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 267 މާއްދާގައި ބުނެފައިވާ މައްސަލަ މަޖިލިސް ރައީސް ވަނީ މެންބަރުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ އިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މިއީ ގާނޫނުއަސާސީގައި އެބުނާ ކުއްލި ނުރައްކަލުގެ ހާލަތުތޯ، ކަނޑައެޅުމަށް މެންބަރުންގެ ބަހުސަށް ހުޅުވާލެއްވީ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ބަހުސް ކުރިއަށް ދިޔައިރު، މި މައްސަލައިގައި މެންބަރުންގެ ހިލާލުތައް ތިން ގޮތަކަށް ފާޅުކުރެއްވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ، މިހާރު މިއޮތް، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްވި ލަފާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިނިސްޓަރު އިއުލާން ކުރައްވާފައިވާ ހާލާތެއް ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރަައްކަލުގެ ހާލަތަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އެކަނިކުފާނު އިއުލާންކުރައްވާ ކުއްލި ނުރައްކަލުކުގެ ހާލަތެއް ކަމަށާއި، އެ ހާލަތުގައި ބައެއް ހައްގުތައް ހިފަހައްޓައި ގާނޫނުތައް ސަސްޕެންޑް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މިއޮތް ހާލަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނުވާނެ ކަމަށް، 267 މާއްދާގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މިއޮތް ހާލަތުގައި، ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނެ ކަަމަށް އެ މެންބަރުން ވަކާލާތު ކުރެއްވިއެވެ.

މިގޮތަށް ހިޔާލު ފާޅު ކުރެއްވި މެންބަރުންގެ ތެރޭގައި ފުންނާބު އުސް ގާނޫނީ ވަކީލުންގެ ގޮތުގައި ފާހަގަ ކުރެވޭ މެންބަރުންގެ ތެރެއިިން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ޖޭއެސްސީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އުޝާމްގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހިމެނިވަޑައިގަންނަވައެވެ.

އެ މެންބަރުން ވިދާޅުވީ، މިހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނެ ކަމަށާއި، އަދި މިއީ އެކަމަށް އެންމެ މުހިއްމު ވަގުތު ކަމަށެވެ. އަދި މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލާތަކީ، ސިއްހަތާ ބެހޭ ވަކި ކަންތައްތަކެއް ހިފެހެއްޓުން ކަމަށާއި ގާނޫނުއަސާސީގައި ބުނާ ހާލަތާ މިހާރުގެ ހާލަތަހާ މާބޮޑަށްވެސް ތަފާތު ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނާ ކުއްލިނުރައްކަލުުގެ ހާލަތަކީ، 253 މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާއިން އެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި އެކަމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ހުންނަ ކަމަށާއި، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ހުންނަ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މުޅިިން އެހެން ގާނޫނަކުން މިހާރު އިއުލާންކޮށްފައި މިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުރަހެއް އޮތް ހާލަތެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާންގެ މިވާހަކައަށް ހިންނަވަރު ދާިއރާގެ މެންބަރު ޖީހާން މަހްމޫދާއި އައްްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިިނާ އާދަމްއާއި ގިނަ މެންބަރުންތަކެއް ތާއީދު ކުރެއްވިއެެވެ.

މި ދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ވަކާލާތު ކުރެއްވި މެންބަރުންގެ ތެރޭގައިވެސް މަޝްހޫރު ގާނޫނީ ވަކީލުންނާއި ސިޔާސީ އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އިތުރުންވެސް ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އެ މެންބަރުން ވިދާޅުވީ، މިހާރު މިއޮތް ހާލަތަކީ ހާއްސަ ހާލަތެއް ކަމަށާއި މިއީ ކުއްލި ނުރައްކަލުގެ ހާލަތަށް ނުވާނެ ގޮތެއް ނެތް ކަމަށެވެ. އަދި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން، މި ހާލަތު އިއުލާން ކޮށްފައި ވީނަމަވެސް މިއީ ސަރުކަރުން އިއުލާންކޮށްފައިވާ ހާލަތެއް ކަމަށާއި ކަން ހިންގަނީވެސް ހަމަ އެއްގޮތަކަށް ކަމަށް އެ މެންބަރުން ވިދާޅުވިއެެވެ. އެގޮތުން ކާފިއު ހިންގައި މީހުން ހައްޔަރުކޮށް ބައެއް ހައްގުތައް ހިފަހައްޓަމުންދާތީ މީ ގާނޫނުއަސާސީގައި ބުނާ ހާލަތު ކަމަށާއި މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަަމަށް ވަކާލާތު ކުރައްވައި އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިއީ ގާނޫނުއަސާސީގެ 267 ވަނަ މާއްގައިވާ ހާލަތެއް ކަމަށާއި، ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުުނާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރަން ޖެހޭ ހާލަތެއް ކަމަށް ބުނެފައި ނުވާ ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތަކީ، ކޯޓު އަމުރަކާނުލައި މީހުން ހައްޔަރުކޮށް ގެއިން ނުކުތުން މަނާކުރުން ފަދަ ހާއްސަ ހާލަތެއް ކަމަށާއި، މިއީ ގާނޫނުއަސާސީގައި ބުނެފައި އެވާ ހާލަތުކަމުން މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވިދާޅުވީ، މިހާރު މިއޮތް ހާލަތަކީ ހާއްސަ ހާލަތެއް ކަމަށާއި، މަޖިިސް ޖަލްސާތައްވެސް ކުރިއަށް ގެންދަނީ އެހާލަތުގެ ދަށުން ކަމަށްވާތީ މިދަނޑިވަޅުގައި ގާނޫނުއަސާސީއާ ކުޅުމަކީ ކޮށްގެެން ވާނެ ކަމެއް ނޫން ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުން އާއްމު ހާލަތަކަށް އައުމުން ނޫނީ ގާނޫނު އަސާސީއާ ކުޅެގެން ނުވާނެ ކަމަށެވެ.

މި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، މި މައްސަލައަށް ބޭނުންވަނީ ސުޕްރީމް ކޯޓުގެ ގާނޫނީ ލަފައެއް ކަމަށެވެ.

އެގޮތަށް ހިޔާލު ފާޅު ކުރައްވައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަނީ ތާއީދުވެސް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައިގެ ބަހުސް ނިންމައި އެކަމަށް ގޮތެއް ކަނޑައެޅުމަށް 1:30ގައި ވޯޓު ނެގުމަށް މަޖިލިސް ރައީސް ނިންމެވި ނަމަވެސް އެ މައްސަލައަށް ވާހަކަ ދައްކަަވަން ގިނަ މެންބަރުންތަކެއް އެދިވަޑައިގެންފައިވާތީ، އެ މައްސަލައަށް ވޯޓަށް އެހުން މާދަމާއަށް ފަސް ކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވީއެވެ.