މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އިން އިންޑިއާގެ ރައްޔިތުން ރައްކާތެރިކުރުމަށް މުޅި ގައުމު ވަނީ މާޗް 25 އިން ފެށިގެން ލޮކްޑައުން ކޮށްފައެވެ. އެކަމާ ގުޅިގެން ރޭލު ދަތުރުތައްވެސް ޖެހުނީ މިމަހު 14 އާ ހަމައަށް ބަންދުކުރާށެވެ.
މިއީ 167 އަހަރަށްފަހު މުޅި އޭޝިއާގެވެސް އެންމެ ދުވަސްވީ ރޭލު ވިއުގަ ބަންދުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.
ރޭލު ވިއުގަ ބަންދުވެފައިވާތީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެ ރޭލުތައް މި ވަނީ އައިސޮލޭޝަން ވޯޑު ތަކަކަށް ބަދަލު ކުރަން ފަށާފައެވެ.
އިންޑިއާގެ ރޭލު ވިއުގައަކީ ދުނިޔޭގައިވެސް ހަތަރުވަނައަށް އެންމެ ބޮޑު ރޭލު ވިއުގައެވެ. އަދި އިންޑިއާގެ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ އެއްތަނެވެ. މި ރޭލުތައް ހޮސްޕިޓަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާއިރު މިހާ ތަނަށް 125 ރޭލެއް ވަނީ މި ގޮތަށް ބަދަލުކޮށްފަ އެވެ.
އިންޑިއާގައި މިހާތަނަށް 4200 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 118 މީހަކު ވަނީ މަރުވެފައެވެ. 320 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަށް އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ ބޮޑު އިރު އާންމުންގެ ތެރޭގައި ބަލި ފެތުރިގެންގޮސް ކޮންޓްރޯލު ކުރަން ދަތިވުމެވެ. އަދި ފަރުވާ ދޭނެ ހޮސްޕިޓާތައްވެސް މަދުވުމެވެ. އެކަމަށް ރޭލުތަކުގައި ހަދަމުން އަންނަ ހޮސްޕިޓާތަކުން އިތުރު ލުޔެއް ލިބޭނެ އެވެ.
އިންޑިއާގެ ރެއިލްވޭ މިނިސްޓަރު ވިދާޅުވި ގޮތުގައި ރެއިލްވޭތައް ހޮސްޕިޓަލުތަކަށް ހެދީ ސާފުކޮށް، ޖަރާސީމު ފިލުވާފައި ކަމަށާއި، ސާފުތާހިރުކަމުގެ ގޮތުން ބަލާ އިރު ރޭލުތައް ބަލި މީހާ ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ވާނެ ކަމަށެވެ.