ޓުއަރިޒަމް

އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ލަސްނުކޮށް ފާސްކޮށްދިނުމަށް ޓީމުން ގޮވާލައިފި

އަލީ ޔާމިން

އިންޑަސްޓްރިއަލް ރިލޭޝަންސް އާއި ބެހޭ ގާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ލަސްނުކޮށް ފާސްކޮށްދިނުމަށް ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފިއެވެ.

ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން އެ އެސޯސިއޭޝަނުގެ މެންބަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ތަހައްމަލުކުރަން ޖެހިދާނެ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރާއި ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތްތެރީންނާއި މައުނަވީ ގޮތެއްގައި މަޝްވަރާކޮށް، އެފަރާތްތަކުގެ ހައްގުތަކަށް ކަށަވަރުކޮށްދީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާކަމަށެވެ.

އެގޮތުން އެމްޕްލޯއިމަންޓް އިންޝުއަރެންސް ތައާރަފުކޮށް، ތަންފީޒުކުރުމުގެ ގާނޫނު ފާސްކޮށްދިނުމާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އާއި ބެހޭ ގާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން ކޮވިޑް 19އާއި ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެކަން ކަށަވަރުކޮށްދިނުމަށްވެސް ޓީމުން ވަނީ ގޮވާލައިފައެވެ.

ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން އެދޭ ކަންކަން:

  • މާޗު މަހުގެ މުސާރައާއި ސާވިސް ޗާޖާއި ރޯދަމަހުގެ އިނާޔަތް ލަސްނުކޮށް ދިނުން
  • ތަފާތު ސަބަބުތަކާހުރެ ނުނެގިވާ، ނަމަވެސް މުވައްޒަފަށް ހައްގުވާ ޗުއްޓީ ދުވަސްތައް މުސާރަ ލިބޭގޮތަށް ނަގައި ހުސްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުން.
  • ކޮވިޑް 19ގެ ނުރައްކާތެރިކަން ކުޑަވުމުން، ކަނޑައެޅޭ ހާއްސަ އުސޫލެއްގެ ތެރެއިން ރާއްޖެ އައުމަށް ހުއްދަދެވޭ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ކަނޑައެޅޭ ރިސޯޓެއްގެ މުވައްޒަފުން އެ ރިސޯޓަކުން އަންގާ ވަގުތުން އެ ރިސޯޓަށް ގޮސް މުސާރައާއި އިނާޔަތް ލިބޭ ގޮތަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން.
  • ޓޫރިސްޓު ރިސޯޓު ހޮޓާތަކާއި ސަފާރީތަކުގައި ބަންދުވެ ރަށްރަށާއި ގައުމުތަކަށް ނުދެވިވާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ފަސޭހައިން ދެވޭނެ ގޮތް ހަމަޖައްސައިދިނުން
  • އަން އެމްޕްލޯއިމަންޓް އިންސުއަރެންސް ތައާރަފުކޮށް ތަންފީޒުކުރުމުގެ ގާނޫނު ފާސްކޮށްދިނުން.
  • އަސާސީ މުސާރައިން އެއްވެސް މިންވަރެއް ކެނޑުމެއްނެތި، ނުވަތަ މަދުވެގެން 6400 ރުފިޔާ އެންމެހާ ވަޒީފާ އަދާކުރާ ފަރާތްތަކަށް މަދުވެގެން ތިން މަސް ދުވަހަށް ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކޮށްދިނުން.
  • ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މީހެއްގެ ވަޒީފާ ގެއްލިނުދާނެކަން ކަށަވަރުކުރުން
  • އިންޑަސްޓްރިއަލް ރިލޭޝަންސް އާއި ބެހޭ ގާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ލަސްނުކޮށް ފާސްކޮށްދިނުން