ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިހާބު ފަސްކޮށް ބާއްވަން 60 މިލިޔަން ބޭނުންވާނެ ކަމަށް އީސީން ވަނީ އަންދާޒާކޮށްފަ: އަލީ ނިޔާޒް

އިބްރާހިމް ޒަކީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަޔަކަށް ފަސް ކުރުމަށް، ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެން ބޭއްވުމަށް 60 މިލިޔަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލައާ ގުޅިގެން، ލާމަރުކަޒީ ކޮމިޓީން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކޮމިޓީއާ ހަވާލު ކުރެއްވި ތިން މަސައްކަތް ކުރިއަށް ގެންދިއުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ދެން އިންތިހާބު ބާއްްވަން 60 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކޮށްފައިވާ ކަމަށެވެ.

މިމަހު ހަތަރެއްގައި ބާއްވަން އޮތް ކައުންސިިލް އިންތިހާބު، ކޮވިޑް 19 އާއި ގުޅިގެން މިމަހު 18 އަށް ފަސްކުރި ނަމަވެސް އަދިވެސް އިންތިހާބު ބޭއްވޭ ވަރަށް ކޮވިޑް 19 ގެ ހާލަތު ރަނގަޅު ވެފައި ނުވާތީ، ގާނޫނަކުން އިންތިހާބު ފަސްކުރަން ހާއްސަ ގާނޫނެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި އެ ގާނޫނުގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ.

މީގެ އިތުރުން ފަސްކޮށް އިންތިހާބު ބާއްވާއިރު، މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސިލަރުންގެ މަގާމު ނުގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށްވެސް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެ މަސައްކަތްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރިނަމަވެސް، ދައުލަތުގެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް، ލާމަރުކަޒީ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނާ ބާރުތައް އެ ކައުންސިލަށް ނުލިބޭނެ ކަމަށެވެ.

އެއީ އެބާރުތައް ލިބޭނީ އެ ގާނޫނުގެ ދަށުން އިންތިހާބު ކުރާ ކައުންސިލްތަކަށް ކަމަށް ގާނޫނުގައި ސާފުކޮށް ބުނެފައިވާތީ ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް އަލީ ނިޒޔާޒު ވިދާޅުވީ އެފަދަ ބައެއް ކަންކަން ކައުންސިލް ތަކަށް ކުރެވިދާނެ ކަމަށާއި، މިހާރު ފާސްކޮށްފައިވާ ގާނޫނުުން ކައުންސިލްތަަކަށް ދީފައިވާ ބާރުތައް މުއްދަތު އިތުރު ކުރާ ކައުންސިލްތަކަށް ބޭނުންކުރަން ފުރުސަތު ދެންޏާ އަނެއްކާ އިތުރު ބިލަކުން ލާމަރުކަޒީ ގާނުނަށް ޖެހޭނީ އިސްލާހު ގެންނަން ކަމަށެވެ.