ވިޔަފާރި

ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭންކަށް ނުގޮސް ހިދުމަތް ހޯދުމަށް ބީއެމްއެލުން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

1

ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭންކަށް ނުގޮސް ހިދުމަތް ހޯދުމަށް ބޭނުންކުރުމަށް ގައުމީ ބޭންކު (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން، ބީއެމްއެލުން ހިދުމަތްދެމުން އަންނަ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ މި ހަފުތާގައި ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަރުތައް ވެސް ހުޅުވާނެ ކަމަށެވެ.

ހިދުމަތް ދިނުމަށް ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަރުތައް ހުޅުވާ ދުވަސް ދުވަހު އިންޓަނެޓް ބޭންކިން އަދި އޭޓީއެމް މެދުވެރިކޮށް ލިބޭ ހިދުމަތް ހޯދުމަށް ބައެއް މީހުން ސީދާ ބޭންކަށް ދާކަން ފާހަގަވާ ކަމަށާއި އެގޮތަށް ކަން ނުކުރުމަކީ ބޭންކުގެ އިލްތިމާސެއް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަރުތަކަށް ކޮންމެހެން ބޭނުންވާ ހިދުމަތެއް ހޯދުމަށް ނޫނީ ނުދިއުމަށް ސައީދު އިލްތިމާސް ކުރެއްވިއެވެ.

އެގޮތުން ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ މީހުން އޭޓީއެމް މެދުވެރިކޮށް ހިދުމަތް ހޯދުމަށާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް އޭޓީއެމުން ލިބޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އޭޓީއެމުން ފައިސާ ނެގޭނީ ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކަށް 25،000 ރުފިޔާ ކަމަށާއި ޑޮލަރު އެކައުންޓްތަކުން ދުވާލަކަށް 1،600 ޑޮލަރު ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އޭޓީއެމަށް ފައިސާ ޖަމާ ކުރެވޭނީ އަމިއްލަ ފަރުދުންގެ އެކައުންޓުތަކުން ދުވާލަކަށް 50،000 ރުފިޔާ ކަމަށާއި ވިޔަފާރި އެކައުންޓު ތަކަށް ދުވާލަކަށް 200،000 ރުފިޔާ ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ގޭގައި ތިބެގެން އިންޓަނެޓް ބޭންކިންގް ގެ އެހީގައި ބިލަށް ފައިސާ ދެއްކުމުގެ އިތުރުން، އެކި އެކައުންޓުތަކަށް ފައިސާ ފޮނުވައި، ލުއިލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އޯޑަރު ކުރާ އެކި ބާވަތުގެ ތަކެއްޗަށް ބީއެމްއެލް މޯބައިލް ޕޭގެ ހިދުމަތުގެ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ އޮންލައިން ބޭންކިންގް ގެ ހިދުމަތް، މޯބައިލް ބޭންކިންގެ ހިދުމަތް އަދި އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟