ރައްޔިތުންގެ މަޖިލިސް

މިހާރު ތިބި ކައުންސެލަރުންނަށް އެ މަގާމުތަކުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އެޖެންޑާކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބު ކުރާ ބޭފުޅުން މަގާމާ ހަވާލު ވަންދެން، މިހާރު ތިއްބެވި ކައުންސަރުންގެ މުއްދަތު ހަމަވިޔަސް މަގާމުތަކުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި މަހު ހަތަރެއްގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން ދެވަނަ ފަހަރަށް މިމަހު 18 އަށް ވަނީ ފަސް ކޮށްފައެވެ. ނަަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެ އިންތިހާބު އިތުރަށް ފަސްކުރަން ޖެހިފައިވީ ނަމަވެސް އިތުރަށް އންތިހާބު ފަސް ކުރުމުގެ ބާރު ގާނޫނުން އީސީއަށް ލިބިފައި ނުވާތީ، ހާއްސަ ގާނޫނަކުން އިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020، ގެ ނަމުގައި ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަަމަ ކިޔުން އިއްވުމަށް ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ތިން އަހަރުގެ މުއްދަތަށް މިހާރު އިންތިހާބު ކޮށްފައިވާ ކައުންސެލަރުންގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ތެރޭގައެވެ.

އެހެން ކަމުން މިހާރު ތިއްބެވި ކައުންސިލަކުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށް، އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރޭގައި އެބަލި މުޖުތަމައުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ގިނަ ފިޔަވަޅިތަކެއް ހިމެނޭތީ، މިމަހު 18 ގައި ބާއްވަން އިސީން މިހާރު އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމް ކުރެވެންދެން އިންތިހާބު ފަސް ކުރުމަށް މަގުފަހި ކުރުމަށްޓަކައި އެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ، މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބުވެފައި ތިބި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކާއި ސިޓީކައުންސިލްތަކުގެ މެންބަރުން، އެމީހުންގެ މަގާމުތަކުގައި ދެމި ތިބޭނެ ކަަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީއަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ކަމަށް ބިލްގައި ބުނެފައި ވެއެވެ.