ވިޔަފާރި

ބީއެމްއެލް ބާޒާރު ބްރާންޗު ފިޔަވައި އެހެން ހުރިހާ ބްރާންޗުތަކެއް ތިން ދުވަހު ހުޅުވަން ނިންމައިފި

މަރިޔަމް ޝަހުދާ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)ގެ ބާޒާރު ބްރާންޗު ފިޔަވައި އެހެން ހުރިހާ ބްރާންޗުތަކެއް ތިން ދުވަހު ހުޅުވަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލުން އާންމު ކުރި ބަޔާނެއްގައި ބުނީ މާދަމައިން ފެށިގެން މިހަފުތާގެ ބުދަ ދުވަހާއި ހަމައަށް ބީއެމްއެލްގެ ބާޒާރު ބްރާންޗު ފިޔަވައި އެހެން ހުރިހާ ބްރާންޗުތަކެއް ހުޅުވާނެ ކަމަށެވެ. ހިދުމަތް ދިނުމަށް ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30އަށް ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ މީހުން އޭޓީއެމް ބޭނުން ކުރުމަށް ބީއެމްއެލުން އިލްތިމާސް ކުރެއެވެ. ހުރިހާ އޭޓީއެމަކުން 24 ގަޑި އިރުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ފައިސާ އާއި ޗެކު ޖަމާކުރުމުގެ އިތުރުން އޭޓީއެމުން ފައިސާ ނަގައި، ފައިސާ ފޮނުވައި، އެކައުންޓް ބެލެންސް ބެލޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް އޭޓީއެމުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މީގެ އިތުރުން އެންމެ ފަހުގެ 10 މުއާމަލާތް ހިމެނޭ މިނީ ސްޓޭޓްމަންޓެއް ވެސް ނެގޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ވަނީ ކަސްޓަމަރުން އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.