ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާން އަދި އަނބިކަބަލުން ގޯރީ ޚާން ކޮވިޑް19 އިން ރައްކާތެރިވުމަށް އެހީވުމަށް މިވަނީ އިތުރު އެހީއެއް ވެދީފައެވެ.
އެގޮތުން މުމްބާއީގައި ހުންނަ އެދެމަފިރިންގެ ހަތަރު ބުރީގެ އޮފީސް ކަރަންޓީނު ފެސިލިޓީއަކަށް ހަދިޔާ ކޮށްފިއެވެ.
މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ އެކަން ކަށަވަރުކޮށްދީ ޓުވިޓާ މެދުވެރިކޮށް ޝާހުގެ ދެމަފިރިންނަށް ޝުކުރު އަދާކޮށްފައެވެ.
އެ ކަރަންޓީނު ފެސިލިޓީ ބޭނުން ކުރަނީ ކުޑަކުދިންނާއި، އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ކަރަންޓީނު ކުރުމަށް ކަމަށް މުނިސިޕަލް ކައުންސިލްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
މީގެ ކުރިން ޝާހުގެ އެހެން ކުންފުނިތަކުންވެސް ވަނީ ކޮވިޑުން އިންޑިއާ ރައްކާތެރިކުރުމަށް އެހީވުމަށް އެކި ކަންތައްތައް ކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ދުވަހު މަސައްކަތްކުރާ މަޖޫރީންނާއި އެސިޑް އެޓޭކުން ސަލާމަތްވެފައި ތިބޭ މީހުނަށް އެހީވުން ހިމެނެއެވެ.
ޕީއެމް ކެއާސް ފަންޑާއި ސީއެމް ރިލީފް ފަންޑަށްވެސް ފައިސާ ހަދިޔާ ކުރާނެކަމަށް ޝާހު ވަނީ ބުނެފައެވެ.
ޝާހުގެ ފޭން ޕޭޖެއް ކަމަށްވާ އެސްއާރްކޭ ޔުނިވާސް ފޭން ކްލަބުންވެސް ވަނީ ޕީއެމް ކެއާސް ފަންޑަށް އެމީހުންގެ ފަރާތުން އެއްލައްކަ އިންޑިއަން ރުޕީސް ހަދިޔާ ކުރާނެކަން އިއުލާނުކޮށްފައެވެ.