ލަންޑަނުން އިންޑިއާއަށް ދިއުމަށްފަހު ކޮވިޑަށް ޕޮޒިޓިވްވި ބޮލީވުޑް ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ފަރުވާ ހޯދަމުން ގެންދަނީ ސަންޖޭ ގާންދީ ޕޯސްޓުގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ.
ކަނިކާ ވަނީ ޓެސްޓު ނެގެޓިވް ވޭތޯ ގިނަ ޓެސްޓުތަކެއް ކޮށްފައެވެ. އެންމެ ފަހުން ކުރި ފަސްވަނަ ޓެސްޓުން އޭނާ މިވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. ނަމަވެސް އަދި އިތުރު ޓެސްޓެއް ކުރަންދެން ކަނިކާ ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޮސްޕިޓަލުގެ ހާލަތު ގޯސްކަމަށް ބުނެ އެތަނުން ބަދަލުވާން ކަނިކާ އެދުނު ނަމަވެސް އެކަމަށް އޮތޯރިޓީތަކުން ހުއްދައެއް ނުދިނެވެ.
ކަނިކާގެ ފަރުވާކުޑަކަމާއި ދޮގު ހެދުމާއި ގުޅިގެން ތިން ދައުވާއެއްވެސް ފުލުހުން ވަނީ އުފުލާވައެވެ.
"ބޭބީ ޑޯލް" ލަވަކިޔާފައިވާ ތަރި ކަނިކާ ލަންޑަނުން މުމްބާއީއަށް އަދި އެއަށްފަހު ލަކްނޯއަށް ގޮސް ޕާޓީއަކަށް ވެސް ގޮސްފައި ވެއެވެ. އެ ޕާޓީއަށް އިންޑިއާގެ ޔޫޕީ ހެލްތު މިނިސްޓަރު ޖެއީ ޕްރަތާބް ސިންގާއި އެކު އިތުރު ވީއައިޕީންތަކެއް ވެސް ދިޔަ ކަމަށް ވެއެވެ.
ލަކްނޯގައި ދިޔައީ އެންމެ ޕާޓީއަކަށް ކަމަށާއި އޭރު ހުރީވެސް އަންގި ލައްވައިގެން ކަމަށް ކަނިކާ ބުނި ނަމަވެސް އޭނާގެ ބައްޕަ ވަނީ ކަނިކާ އިތުރު ތިން ޕާޓީއަކަށް ދިޔަކަމަށް ބުނެފައެވެ.
ކަނިކާގެ އިހުމާލު އޮތް ކަމެއްގެ ގޮތުގައި ތުހުމަތުކޮށް، އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ފެށިއެވެ.
ކަނިކާ ދިޔަ ޕާޓީގެ އެންމެން ކަރަންޓީނު ކުރިއިރު މުޅި ލަކްނޫވެސް ލޮކްޑައުން ކުރަން ޖެހުނެވެ.