ހަގީގަތް ނޭނގޭ މަރުތައް ބެލުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައި ބިލުގެ މައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެ އިދިކޮޅު މެންބަރުން ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި އިހުތިޖާޖު ކުރަން ފައްޓްވައިފި އެވެ.
ސަރުކާރުން ވަނީ އެދެކޮމިޝަނަށް ތަހުގީގުތައް ފުރިހަމަ ބާރުވެރިކަމާ އެކު ހިންގުމުގެ ފުރުސަތު ދިނުމަށް ޓަކައި ގިނަ ކަންތައްތަކެއް ބިލުގައި ހުށަހަޅައިފަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު 1:30 ގައި ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ. އިދިކޮޅު މެންބަރުން ހޫނުވެ އިހުތިޖާޖު ކުރައްވަން ފެއްޓެވީ ރިޔާސަތުން ވޯޓަށް އައްސަވަން ތައްޔާރުވެވަޑައިގަތުމުންނެވެ.
މިއަދުގެ ބަހުސް މަރުހަލާގައި އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އެއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ފާސްކުރަން އުޅޭ ބިލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބިލުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ ކަމަށް ވެސް އެމެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލު އަންނަނީ