މޯލްޑިވިއަން އިން ފެށި ކާގޯ ދަތުރު ތަކުގެ ތެރެއިން ދުބާއީއަށް ދިޔަ ފުރަތަމަ ބޯޓު މުދާ ހިފައިގެން ރާއްޖެ އައިސްފިއެވެ.
މި ކާގޯ ބޯޓު ރާއްޖެ އައީ އިއްޔެ ކަމަށް މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ބުނި ގޮތުގައި އެ އެއާލައިނުން ކުރާ ކާގޯ ދަތުރުތަކުގައި ރާއްޖެއަށް ކާބޯތަކެތި ގެންނާނެއެވެ. މީގެ ކުރިން މޯލްޑިވިއަން ކާގޯއިން ވަނީ ލަންކާއިން ރާއްޖެއަށް މުދާ ގެނެސްފައެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ބޭރުގެ ފަރާތްތަކަށް ރަސްމީކޮށް ބަންދުކޮށް ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައި ވީނަމަވެސް، ބޭނުންވާ ކާބޯތަކެއްޗާއި މޭވާއާއި ތަރުކާރީ ގެނައުން ފަދަ ބޭނުން ތަކަށް އެކަންކަން ނުހުއްޓި ކުރިޔަށް ގެންދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށް މިދިޔަ މަހު މީޑިއާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.