ބޭންކުތެރޭ ފުނި ނުޖެހޭނެ ގޮތް ބޭންކުތަކުން ހޯދައިދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ސަރުކާރުން އެހެން ހިދުމަތްތައް ވެސް ހާލަތަށް ބަލައި، ބައްޓަން ކުރަމުން އަންނަނީ މީހުން ތަންތަނަށް ފުނި ނުޖެހޭނެ ގޮތަށް ގައިދުރުކަން ކަށަވަރުކުރުމަށް ވިސްނައިގެން ކަމަށެވެ.
"ސަރުކާރު ބަންދު، ސްކޫލު ބަންދު، ޖަމާއަތުގައި ނަމާދުވެސް ނުކުރެވޭ. ނަމަވެސް ސަރުކާރުގެ ހިދުމަތް ފުނި ނުޖެހި ލިބޭނެ ގޮތް، ސްކޫލުތަކުން ކިޔަވައިދޭނެ ގޮތް އަދި އިސްލާމިކް މިނިސްޓްރީން ނަމާދު ކުރެވޭނެ ގޮތުގެ މަގު ދައްކައިދިން."
މިނިސްޓަރު ވިދާޅުވީ ބޭންކުތަކުން ބޭންކް ތެރޭ ފުނި ނުޖެހޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.
އެންމެ ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވި ދުވަހު އެ ބޭންކުތެރޭގައި ގިނަ އަދަދެއްގެ މީހުން ފުނި ޖެހިގެން ހިދުމަތް ހޯދަން ތިބި މައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ. ބޭންކު ހުޅުވާ ދުވަސްތައް މަދުވުމާއި ހުޅުވާ ދުވަހުވެސް މަދު ވަގުތުކޮޅެއްގައި ބޭންކުގެ ހިދުމަތް ލިބޭތީ އެ ވަގުތުކޮޅުގައި އެތައް ސަތޭކަ ބަޔަކު ދަނީ ބޭންކަށް ޖަމާވަމުންނެވެ.