ރައްޔިތުންގެ މަޖިލިސް

މަޖިލީހުން ގާނޫނަށް ބަދަލުތައް ގެނެސް ނުދޭތީ މައްސަލަތައް ބެލުމަށް ދަތިވޭ: އޭސީސީ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް ގެނެސްދޭން ޖެހޭ އިސްލާހުތައް ގެނެސް ނުދޭތީ އެކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމަށް ދަތިވެފައިވާކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކުވެސް އެކޮމިޝަނުން ދެލި ކޮޕީ ހުށަހަޅާ ކަމަށެވެ.

އަދި ދެލިކޮޕީ ހުށަހެޅުމަށްފަހު، ވަކިވަކި މެންބަރުންނާ ވެސް އެކަމުގައި މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ލުތުފީ ވިދާޅުވިއެވެ.

''އޭސީސީން އޭސީސީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ކިތައް ފަހަރުތޯ ފޮނުވީ. އިސްލާހު ކުރެވުނުތޯ. އޭސީސީން ހުންނާނެ ދެލިކޮޕީ މަޖިލީހަށް ހުށަހަޅާފައި. ވަކިވަކި މެންބަރުންނާ އެމައުލޫމާތު ހިއްސާކޮށްފައި. އެއްވެސް ހައްލެއް ނުލިބޭ. ކޮންމެ އަހަރަކު މިދަނީ ހުށަހަޅަމުން. ގާނޫނު އިސްލާހު ކުރާކަށް މަޖިލީހުން އެއްބާރުލުމެއް ނުދޭ.'' އޭސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީ ވިދާޅުވީ އޮޑިޓް އޮފީހުން ރިޕޯޓް ހުށަހެޅުމުން އެރިޕޯޓުން ދައުލަތަށް ފައިސާއެއް ލިބެން އޮތްތޯ ބެލުމަށްފަހު ފައިސާއެއް ލިބެން އޮތްނަމަ، އެމައްސަލަ ކޮމިޝަނުން އަމިއްލައަށް ބަލަމުން އަންނަ ކަމަށެވެ.

ލުތުފީގެ ވާހަކަތަކާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ އޭސީސީގެ ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހޫށަހަޅާފައިވާކަން މަޖިލީހުގެ ރެކޯޑުތަކުން އެނގެން ނެތް ކަމަށެވެ.

ކޮމެޓީގެ މުގައްރިރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވެސް ވިދާޅުވީ އޭސީސީގެ ގާނޫނަށް އިސްލާހު ގެންނަން ފޮނުއްވިކަން މަޖިލީހުގެ ރެކޯޑުތަކުން އެނގެން ނެތް ކަމަށެވެ.