އަލްޖަޒީރާ ގެނެސްދީފައިވާ ދޮޅު މިނެޓެއްހާ ދިގު ވީޑިއޯގައި ފެންނަނީ އަންހެނަކު ރޯތަނެވެ. އޭނާގެ ވާހަކަތަކުން އެއީ އެމެރިކާގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިއެއްކަން އެނގެއެވެ. ނަމަވެސް އޭނާ ރޮމުން ކިޔައިދެމުން ދިޔައީ އޭނާ އެވަޒީފާއިން ވަކިވި ސަބަބެވެ.
"އެއްވެސް ނަރުހަކު މާސްކެއް ނާޅާ. އެކަކު އަނެކަކަށް ރިޕޯޓްތައް ދޭއިރު ސާޖިކަލް މާސްކެއްހާތަން ވެސް ނެތް... އެމެރިކާ އޮތީ ތައްޔާރަކަށް ނޫން. ނަރުހުންނަކަށް ރައްކާތެރިކަމެއް ނެތް." އޭނާގެ ރުއިން ފަޅައިގެންދިޔައެވެ.
އެ ހިދުމަތްތެރިޔާ އެ ކިޔައިދިނީ މިހާތަނަށް ދުނިޔޭގައި ކޮވިޑް 19 ޖެހިފައިވާ އެންމެ ގިނަ މީހުން ފެނިފައިވާ އެމެރިކާގެ ސިއްހީ ހިދުމަތްތެރިންގެ ހާލަތެވެ. މި ނޫނަސް އެމެރިކާގެ ސިއްހީ ހިދުމަތްތެރިންދަނީ އެމީހުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ނެތް ކަމަށް ބުނަމުންނެވެ.
މިއީ ކިހާވަރެއްގެ ނުރައްކަލެއްކަން އިތުރަށް ތަފްސީލު ކޮށްދެއްވީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާއިން އެބަލި ފެނުމުގެ އެންމެ ކުރީކޮޅުން ފެށިގެން އެގައުމުގެ ހެލްތު ކެއާ ވޯކަރުން ނުވަތަ ސިއްހީ ހިދުމަތްތެރިން ތިބީ އަމިއްލަ ރައްކާތެރިކަމުގެ އާލާތްތައް އަޅައިގެންނެވެ. އެ އިންޒާރު އޭރުވެސް އެގައުމުން ދިޔައީ ދެމުންނެވެ. ނަމަވެސް ގިނަ ގައުމުތަކުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އެކަމަށް ތައްޔާރުވާން ފެއިލްވުމުގެ ނަތީޖާއަކަށްވީ ބަލިން ރައްކާތެރިވާން ފިޔަވަޅު ނާޅައި ތިއްބާ ގައުމަކަށްފަހު ގައުމަކަށް ބަލި ފެތުރުން ކަމަށް ނިޔާފު ވިދާޅުވިއެވެ.
ނިޔާފު ވިދާޅުވި ގޮތުގައި ރައްކާތެރިކަމެއް ނެތި މަސައްކަތްކުރާ ހެލްތު ވޯކަރުންނަށް ބަލި ޖެހޭނެ ކަމަށާއި އަދި ބަލިޖެހިފައިވާ ސިއްހީ ހިދުމަތްތެރިއެއްގެ ސަބަބުން ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
"އިސް ސަފުގައި މަސައްކަތްކުރާ މަދު އަދި ތަޖުރިބާހުރި ހުނަރުވެރި ހެލްތު ވޯކަރުންނާއި ސްޕެޝަލިސްތް އައިސީޔޫ ޓީމުތަކުން ވަޒީފާއިން ވަކިވެ ނުވަތަ އެއަށްވުރެ ވެސް ގޯސްކޮށް ދިމާވެއްޖެނަމަ، ހެލްތުކެއާ ނިޒާމަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކެއް ނުދެވޭނެ،" ޑރ. ނިޔާފު ވިދާޅުވެފައިވެއެވެ.
އެހެންކަމުން ނިޔާފު ވަނީ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ގައުންސް، އެން95 މާސްކާއި ގޮގުލްސް އާއި އަންގިއާއި ޝޫ ކަވާ ގެނެވެން އޮތް ގޮތަކަށް ގެނައުމަށް މުއްސަނދިންނާއި ވިޔަފާރިވެރިންނާއި ކޯޕަރޭޝަންތަކުން އަދި އެންމެންނަށް ގޮވާލައިފައެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް ގެނެވިއްޖެނަމަ އެތަކެތި އެކްސްޕޯޓް ކުރެވިދާނެ ކަމަށާއި ނަމަވެސް އެތަކެތި ނެތިގެން ކުރިމަތިވާ ގެއްލުމަކުން އަރައި ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
"ޓޮއިލެޓް ރޯލްތައް ދޫކޮށްލާ، ބެލްކަނިތަކަށް ނުކުމެ އަތްޖެހުން ހުއްޓާލާ. އެކަންކަމުން ފުރާނައެއް ސަލާމަތެއް ނުކުރެވޭނެ. ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް) އިން ކުރެވޭނެ،" ޑރ. ނިޔާފު ވިދާޅުވެފައިވެއެވެ.