މާލެ

މާލޭ ސިޓީއަށް ހިމޭން ތިން ގަޑިއިރު، ރައްޔިތުން ދެއްކީ އެއްބައިވަންތަކަމުގެ ނަމޫނާއެއް!

އަލީ ޔާމިން

އެއްވެސް މަގަކުން މީހަކު ނުފެނެ އެވެ. ދިރުމެއް ނެތެވެ. ކައިރީން ފެށީގެން މާދުރަށް ދާންދެން މަގުތަކުން ފެންނާން އޮތީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ބައެއް މަގުތައް މަތީގައި ވެރިކަން ކުރަމުން ދިޔައީ ކޮތަރުތަކެވެ.

މިއީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 08:00 އާއި ދެމެދު ދިވެހިރާއްޖޭގެ ކެޕިޓަލް ސިޓީ އޮތް ގޮތުގެ ވާހަކައެވެ. މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބައިބޯ އެއް ކެޕިޓަލް ސިޓީގެ މަގުތައް އޮތް ގޮތުގެ ވާހަކަ އެވެ.

ކޮވިޑް 19 އާ ގުޅިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ކާފިއު އިއުލާންކޮށްފައެވެ.

ހާއްސަ ހުއްދަތައް ދީފައިވާ ފަރާތްތައް ނޫން އެހެން ފަރާތްތައް ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އެކަން ކަށަވަރުކުރުމަށް ފުލުހުން ދިޔައީ މަގުތަކަށް ނުކުމެ ހަރަކާތްތެރިވަމުންނެވެ.

ކާފިއު ހިންގާފައިވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުން ފުލުހުންގެ އިދާރާ އާއި ކަމާގުޅޭ އިދާރާތަކުން ތަންފީޒު ކުރަމުންދާނެ ކަމަށާއި އެކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ގޮވާލެއްވިއެވެ. ކާފިއުގެ ވަގުތުގައި މާލޭ މަގުތައް ޕެޓްރޯލް ކުރުމުގައި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް އެހެން ފުލުހުންނާ އެއް ފަންތިއެއްގައި ބައިވެރިވެވަޑައިގެންނެވިތަން ފެނުނެވެ.

ޖާގައަށް ބަލާއިރު ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު، ތޮއްޖެހިފައިވާ މާލެއިން މިއަދު ހަވީރު ކާފިއުގެ ވަގުތު ފެށުމާއެކު ފެނިގެންދިޔައީ ފަޅުކަމެވެ. ހިމޭންކަމެވެ. ހާއްސަ ހުއްދަތައް ދީފައިވާ ފަރާތްތަކާއި މަގުމަތި ޕެޓްރޯލްކުރުމަށް އުޅޭ ފުލުހުން ފިޔަވައި އެހެން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ބިޔަ، އުސް އިމާރާތްތަކުން ވަށާލެވިފައިވާ މާލޭގެ މަގުތަކުން އިންޖީނުގެ އެއްވެސް އަޑެއް ނީވެއެވެ. ބައެއް ގޭގޭގެ ބޮޑުދޮރުންނާއި ކުޑަދޮރުތަކުން ބޭރަށް ބޯދީގެން ތިބި މީހުން ބަލަމުން ދިޔައީ މާލެއަށް އައިސްފައި އޮތް އަޖައިބެއް ފަދަ ފަޅުކަމެވެ.

ކާފިއު ވަގުތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެއެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި ވެމްކޯގެ މުވައްޒަފުން ހިމެނެއެވެ. މީގެ އިތުރުން އުރީދޫ އާއި ދިރާގާއި ބޭންކްތަކާއި އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެއެވެ. އަދި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް ނުކުމެވޭނެއެވެ.

އެޗްޕީއޭ އިން ބުނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ފާސް ލިބިފައިވާ ކޮންމެ ފަރާތަކަށްވެސް ކާފިއުގެ ވަގުތުގައި މަގުތަކުގައި އުޅެވޭނެ ކަމަށެވެ. ކާފިއުގެ ވަގުތުގައި ނޫސްވެރިންނަށް ވެސް މަގުތަކަށް ނުކުމެވެނީ އެންއީއޯސީން ދޫކޮށްފައިވާ ހާއްސަ ފާހާއެކުއެވެ.

ކާފިއުގެ ވަގުތުގައި މާލޭގެ މަގުތަކުން މީހުން ހުސްވުމަކީ ހެޔޮފާލެވެ. އެއީ ސަރުކާރުގެ އެންގުންތަކަށް ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ބިދޭސީންވެސް ކަމޭހިތާކަމުގެ ހެއްކެކެވެ. މި ހެޔޮފާލާއެކު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސަރުކާރުގެ އެންގުންތަކަށް ބޯލަނބައި ކިޔަމަންވުމަކީ މުހިންމު ކަމެކެވެ. މިދެއްކި ނަމޫނާއަކީ އެކުވެރިކަމާއި އެއްބައެއްވަންތަ ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. ކޮވިޑުގެ ވަބާއިން ރައްކާތެރިވުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އަންގާ އެންގުންތައް ހެޔޮ ހިތުން ގަބޫލުކޮށް ފުރިހަމަޔަށް އަމަލު ކުރުމަކީ މި ބަލި މުޖުތަމައުތެރެޔަށް ފެތުރިގެން ދިޔަ ނުދިނުމަށް އެޅޭން އޮތް އެންމެ މުހިންމު ފިޔަވަޅެވެ. މިއަދު ރައްޔިތުން ދެއްކީ ނަމޫނާ އެކެވެ. އައްސަރިބަހާއި ޝުކުރު ހައްގު ނަމޫނާ އެކެވެ.