ގާސިމް އިބްރާހިމް

ގާސިމަކީ މިހާރު ކުޑަކުޑަ ބާރެއް ނޫން، މިހާރު އެއީ ހަމައެކަނި ސޭޓެއް ނޫން: ނިހާން

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މިހާރު ކުޑަކުޑަ ބާރެއް ނޫން ކަމަށާއި އެއީ މިހާރު ހަމައެކަނި ސޭޓެއް ނޫން ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ކޯލިޝަންގެ ތެރޭގައި މަޑުނުކޮށް ވަޑައިގަތަސް ޕީޕީއެމް އިން ގާސިމް ބަލައިގަނެގެން ކުރިއަށްއޮތް މުސްތަގުބަލުގައި ބާރަށް ހިނގައިގަންނާނެ މަގު ދައްކާނެ ކަމަށެވެ.

"ގާސިމަކީ މިހާރު ކުޑަކުޑަ ބާރެއް ނޫން. އެމްޑީޕީގެ ބަހުން ނަމަ ހަމައެކަނި ސޭޓެއް ނޫން އެއީކީ. އަޅުގަނޑު ދަންނަވާލަން އެމަނިކުފާނަކީ ބުއްދިވެރި، ވިސްނުންތެރި، ގައުމު ގޮވައިގެން ހިނގައިގަންނަ ގޮތްތަކާ ފިކުރު އެމަނިކުފާނަށް ރަނގަޅަށް ވިސްނުންފުޅު ގެންގުޅުއްވާ ވަރުގެ އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް. އެހެންވީމާ އެމީހުން އުކާނެހާ ގަލަކުން އެ ހަމަލާތައް ލިބިވަޑައިނުގެން ނުކުންނަވާށޭ،" އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މަޖިލީހުގައި ދުވަހަކުވެސް އެމްޑީޕީ މައިނޯރިޓީއަށް ވުރެ ދަށަށް ގޮސްފައި ނުވާ ކަމަށާއި މަޖިލީހުގައި ޖޭޕީން ކުރިއަށް ޖެހިލުމުން އެމްޑީޕީ މިހާރު އެއޮތީ ރެލިގޭޓްވެފައި ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ކުޅިބައި މިހެން ހަމަކޮށްފައި އޮންނަ އިރުގައި ވިސްނާ ކޮންމެ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ގާސިމް އިބްރާހިމް އެމީހުން ހެދި އެއްޗެއް ހަދަން އެތާ ތެރޭގައި ހުންނަން ކޮންމެހެން މަޖުބޫރެއް ނޫންކަން، ލާޒިމެއް ނޫންކަން. ގާސިމަކީ ބާރެއް ނެތް މީހެއް ނޫން. މިހާރު ގާސިމް އިބްރާހީމަކީ ދެވަނައަށް އެންމެ ބޮޑު ބާރު. މަޖިލީހުގެ 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީސް މިދަނީ ނިމިގެން. ދުވަހަކުވެސް އެމްޑީޕީ މައިނޯރިޓީއަށް ވުރެ ދަށަކަށް ނުދޭ،" އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކުޅިބައިގައި 1993 އިން ފެއްޓިގެން ގާސިމް އުޅުއްވާ ކަމަށާއި ގާސިމް އެ ހުންނެވީ އޭނާ ހިމަނައިގެން ނޫނީ ދެން ވެރިކަމުގެ އެއްވެސް ކަމެއް ނުނިންމޭނޭ ހިސާބުގައި ކަމަށެވެ. އަދި ގާސިމްއާ ނުލައި ކޯލިޝަން ދެމިނޯންނާނޭ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

"ބައެއް މީހުން ހީކުރައްވާ 2008 އިން ފެއްޓިގެންނޭ ގާސިމް ދައުރެއް އަދާކުރެއްވީ ކަމަށް. ސިޔާސީ ކުޅިބައިގައި 1993 އިން ފެއްޓިގެން ވެސް ގާސިމް އެބައުޅުއްވާ. ބަދަލުކުރުމުގެ ބާރު މިއޮންނަނީ ގާސިމް އިބްރާހިމް އަތްޕުޅުގައި. އެއް ގޮތުން ނޫނީ އަނެއް ގޮތަކުން އެމަނިކުފާނު އެކަން ކުރައްވަނީ. ރައީސް މައުމޫންގެ ބިލްޑިން ބެޓަރ ޑިމޮކްރަސީގެ ނަމުގައި މި މަސައްކަތްޕުޅުތައް ކުރެއްވުމުގެ މޭސްތިރިއަކީ ގާސިމް އިބްރާހިމް. އަދި ހުދު އެމްޑީޕީ އުފެއްދުމުގެ މޭސްތިރިއަކީ ވެސް ގާސިމް އިބްރާހިމް،" އޭނާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާ ވަކިން، 87 ގޮނޑިއަށް ކުރިމަތިލުމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟