އެއްލައްކަ ކަޕްގައި ބައިވެރިވުމަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)، ހއ. ދިއްދުއަށް ރަށްވެހިކަން ބަދަލުކޮށްފިއެވެ.
ދިއްދޫގެ ކްލަބު ޖަމިއްޔާތަކަށް ހާއްސަކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބާއްވާ އެ މުބާރާތުގައި ބައިވެރިވުމަށް ބަކާ، ދިއްދުއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ކަމަށް އެ މުބާރާތުގެ އޮފިޝަލަކު ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ.
ދިއްދޫގައި ބާއްވާ އެ މުބާރާތުގައި ބަކާ ފެނިގެންދާނީ ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ބްލެކް ޒީނިއޯ އިންނެވެ. އެ މުބާރާތުގެ ތަށި މިލްކު ކުރުމަށް ނުކުންނަ ބްލެކް ޒީނިއޯ އިން ބަކާގެ އިތުރުން ރަށުން ބޭރު ތިން ކުޅުންތެރިން ފެނިގެންދާނެއެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނޭނެ ކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެއެވެ.
ދިއްދުއަށް ރަޖިސްޓަރީ ބަދަލުކުރި ބަކާއަކީ އައްޑޫ ސިޓީއަށް އުފަން ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަންގައި ކްލަބު އީގަލްސްއަށް ކުޅެމުންދާ އުމުރުން 33 އަހަރުގެ ބަކާ ހިމެނެނީ ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ. އަނެއް ކުޅުންތެރިޔަކީ އަކްރަމް އަބްދުލްގަނީއެވެ.
މިއަހަރުގެ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގައި ހަތް ޓީމު ވާދަކުރެއެވެ. މިދިޔަ ހޮނިހިރު ދުވަހު ފެށި އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.