ރައްޔިތުންގެ މަޖިލީހުގެ ރައީސް

މަޖިިލިސް މެންބަރުންގެ ވިސްނުން ހުރީ އިގްތިސޯދީ ގޮތުން އާ މިސްރާބަކަށް ރާއްޖެ ގެންދިއުމަށް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

މަޖިިލިސް މެންބަރުންގެ ވިސްނުން ހުރީ އިގްތިސޯދީ ގޮތުން އާ މިސްރާބަކަށް ރާއްޖެ ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ މެންބަރުންގެ ވިސްނުހުރީ ރީ ޑައިރެކްޝަނަށް ގައުމުގެ މިސްރާބު ބަދަލު ކުރުމަށް ކަމަށެވެ.

އަދި މެންބަރުންގެ ވިސްނުން ހުރީ، އަލުން އަބުރާ އުފެއްދުންތެރިކަމެއް ހޯދުމަށް ކަމަށާއި، އަޅުގަނޑުމެން ބިކަވެ ނުދާނޭ ގޮތްތަކެއްގެ ތަސައްވުރެއް އެކުލަވާލަން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީށް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، ޓޫރިޒަމާއި މަސްވެރިކަމާއި ވިޔަފާރީގެ ހާލަތު ދެނެގަނެ އެކަންކައް ކުރިއަށްދާންޖެހޭ މިސްރާބު ހޯދައި ދިރާތައް ކުރުން ހިމެނޭ ކަމަށެވެ.

"މަޖިލީހުގެ ކޮމިޓީތަކުގައި މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ ތެރޭގައި އެބަހިމެނޭ، މިސާލަކަށް، ޓޫރިސްޓުން ދެން ރާއްޖެ އަށް އަންނަން ފަށާނެ އަންދާޒާއެއް ހޯދުމަށްޓަކައި ދުނިޔޭގެ އެކި އެކި މާހިރުންނާއެކީގަ އެ މަސައްކަތް ކުރުން، ޓްރެވަލް ޓްރޭޑް ވެގެންދާނެގޮތް، ރާއްޖެއަށް މީހުން އަންނާނެ ދުވަހެއް އަންދާޒާކުރުމަށްޓަކައި މަޖިލީހުން މަސައްކަތްކުރާނެ، ބޭރުގެ މާހިރުންނާ މަޝްވަރާ ކޮށްގެން، އަދި މަސްވެރިކަމުގެ ވިޔަފާރި ވެސް ދުނިޔޭގައި އޮތް ގޮތާއި، މަސްވެރިކަމުގެ ވިޔަފާރިއަށް ވެސް ދުނިޔޭގަ ކުރިއަށް އޮތްތަނުގައި ވެގެންދާނެ ގޮތަކާބެހޭގޮތުން މަޖިލީހުން ދިރާސާކުރާނެ،" މަޖްލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި މައްސަލައިން އަރައިގަންނާނެ ވިސްނުމެއް ތަސައްވުރެއް އޮންނާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ނިންމައި އެ ތަސައްވުރު ލަފައެއްގެ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ރައީސުލް ޖުމްހޫރިއްޔާއަށް އަރުވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.