އެސްޓީއޯއިން ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ އަގު ކަނޑައަޅާނީ ނާލަށް ހިނގާނެ ހަރަދަށްވެސް ބަލައިގެން ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ގާއިމުކުރަން ނިންމާފައިވާ އެގްރިސެންޓަރަށް މުދާ ގެނައުމަށް ބަލާނީ ވީހާވެސް ދަނޑުވެރިންނަށް ފަސޭހަވާނެ އިންތިޒާމެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ދަނޑުވެރިން ވިއްކުމަށް ގެންނަ މުދަލުގެ އަގު ކަނޑައަޅައި އިއުލާނު ކުރާނީ މުދާތައް މާލެއަށް ގެނައުމަށް ހޭދަވާނެ އަގާއެކު ކަމަށާއި ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަނޑުވެރިންނަށް ހާއްސަ އަގުތަކެއް ހަމަޖައްސައިދޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެގްރިސެންޓަރަށް ތަކެތި ވިއްކަން ބޭނުން ދަނޑުވެރިން ރަޖިސްޓްރީވުމަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އަމްރު ވިދާޅުވީ އެ ސެންޓަރު ހުޅުވައި އޭގެ ބޭނުން ކުރަން ފަށާނީ މެއި މަހުގައި ކަމަށެވެ. އަދި އެގްރިސެންޓަރު ހުޅުވުމުގެ ކުރިން އެތަނުން މުދާ ގަންނަ އަގު އިއުލާނު ކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ.