އެސްޓީއޯ

ދަނޑުވެރިކަމުގެ އުފެއްދުންތައް ގަނެ ވަގުތުން ފައިސާ ދިނުމަށް އެސްޓީއޯ އިން އެގްރިސެންޓަރު އުފައްދަނީ

ދިވެހީންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަނެ ވަގުތުން ފައިސާ ދިނުމަށް އެސްޓީއޯ އެގްރިސެންޓަރެއް އުފައްދަން ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަމްރު ވިދާޅުވީ މަސައްކަތެއް ފަށާއިރު ފުރަތަމަ އެކަމަކުން ލިބޭނެ އާމްދަނީއެއް އެނގެންޖެހޭ ކަމަށާއި އެ މަސައްކަތެއް ކުރާނީ އޭރުން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަން ކުރިނާރައިގެން އުޅެނީ ދަނޑުވެރިން ހައްދާ އެއްޗަކުން ލިބޭ އާމްދަނީ ސާފު ނުވާތީކަން އެސްޓީއޯއިން ހައްދާފައިވާ އެކި ދިރާސާތަކުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރެވޭނެ އެތައް ބައިވަރު ރަށެއް ރާއްޖޭގައި އެބަ އޮތްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ، ދަނޑުވެރިކަމަކީ ގުރީން ހައުސް އަޅައިގެން އޭގެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ވެސް ކުރެވިދާނެ މަސައްކަތެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އެ ވަސީލަތްތައް ބޭނުން ކުރެވިފައި ނެތް ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއްގެ ބޭނުން ނުކުރަނީ އެ މަސައްކަތުން ލިބޭ ފައިދާ ނުވަތަ އާމްދަނީ ނޭނގޭތީ ކަމަށް ވެސް ވިދާޅުވިއެވެ.

އަމްރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ އެގްރިސެންޓަރަކީ އެކަމަށް އޮތް ހައްލެވެ. ނޯތު ހާބަރު ކުރިމައްޗަށްވާ ގޮތަށް ހަދާ އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ބާވަތްތައް ގަންނާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދަނޑުވެރިން މަސައްކަތް ފެށުމުގެ ކުރިން ކޮންމެ ބާވަތެއް އެސްޓީއޯ އިން ގަންނަ އަގު އިއުލާނު ކުރާނެ ކަމަށާއި އޭރުން އެ ބާވަތެއް ހެއްދުމަށް ދާނެ ހަރަދާއި މުއްދަތައް ބަލައި އޭގެން ލިބޭ އާމްދަނީ ބަލަން އިނގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބޭނުމަކީ ދަނޑުވެރިން ހައްދާ އެއްޗެހި ގަނެ ވަގުތުން ދަނޑުވެރިންނަށް ފައިސާ ދިނުން ކަމަށެވެ.