ބޮލީވުޑް

ކައިވެނި އުފާވެރިކޮށް ބޭއްވުމަށް އަންހެނުން ބުނާ ކޮންމެ ކަމަކަށް އާނ ބަސް ބުނަން: ރަންވީރު

އަލަތު ކައިވެނީގެ ދުވަސްތައް ގުނަމުން އަންނަ ރަންވީރު ކަޕޫރާއި ދީޕިކާ ޕަޑުކޯންގެ ކައިވެނީގެ ހަފްލާތައް ހޮނިހިރު ދުވަހު ނިންމާލީ ބޮލީވުޑްގެ އަދި އިންޑިއާގެ އެކިއެކި ތަރިންނަށް ދިން ދައުވަތަކުންނެވެ.

މި ޕާޓީގައި ބޮލީވުޑް މެގާ ސްޓާރު އަމީތާބް ބަޗަންގެ އިތުރުން މަޝްހޫރު ކްރިކެޓަރ އެމްއެސް ދޯނީވެސް ބައިވެރިވިއެވެ.

ހަފްލާގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ކައިވެނި އުފާވެރިކޮށް ބޭއްވުމަށް އަންހެނުން ބުނާ ކޮންމެ ކަމަށްކަށް "ޔެސް" ބުނާ ކަމަށެވެ. މިހެން ރަންވީރު ބުނީ ދީޕިކާއަށް ބަލަހައްޓައިގެން ހުރެއެވެ.

ދީޕްވީރުގެ ކައިވެނީގެ އެކި ހަފްލާތައް ބަހާލައިގެން ބާއްވައިފައިވާއިރު ހޮނިހިރު ދުވަހު އޮތް ހަފްލާ ވެގެން ގޮސްފައި ވަނީ އެންމެ ފޯރި ގަދަ އެއް ހަފްލާ އަށެވެ.

އަމީތާބް ބަޗަން ވަނީ "ޖުއްމާ ޗުއްމާ" ލަވަ އަށް ވެސް މި ހަފްލާގައި ނަށާފައެވެ. އަދި ޝާހުރުން ޚާން އާއި މަލައިކާ އަރޯރާ ވަނީ އެދެތަރިން އެކީ ކުޅެފައިވާ މަގްބޫލު ލަވަ "ޗައްޔަ ޗައްޔަ" އަށް ނަށާފައެވެ.

މުމްބާއީގެ ގްރޭންޑް ހަޔާތު ހޮޓަލުގައި ބޭއްވި މި ހަފުލާގައި ގިނަ ތަރިން ތަކެއް ވަނީ ބައިވެރިވެފައެވެ.

ކަރިސްމާ ކަޕޫރާއި ވަރުން ދާވަން ވެސް ވަނީ ފިލްމް "ޖުޑްވާ" ގެ ލަވައަކަށް ހަފުލާ ގައި ނަށާފައެވެ.

ފޮޓޯ ތަކުންނާއި ވީޑިއޯ ތަކުން ހުރިހާ އެންމެންވެސް ވަރަށް އުފާވެރި މަޖާ ވަގުތު ކޮޅެއް ހޭދަ ކުރިކަން ފާހަގަ ވެގެން ގޮސްފައިވާއިރު އެންމެނަށްވެސް އެންމެ ކަމުދިޔައީ ރަންވީރު ދިން ސްޕީޗެވެ.

ދިރިއުޅުމުގައި ކުރިއެރުން ބޭނުން ނަމަ އަންހެނުން ބުނާ ކޮންމެ ކަމަކަށް އާ ބަސް ބުނަން ޖެހޭނެ ކަމަށް ބުނަމުން "އެހެން ކަމުން ދެން ބޭބީ މިއުޒިކްގެ ވައިބް ބަދަލު ކުރަން ބުނީމަ އަހަރެންނަށް ޖެހޭނީ ބަދަލު ކުރަން" މަޖަލަކަށް ރަންވީރު ބުންޏެވެ.

ހަފުލާގައި ރަންވީރު ލާފައި ހުރީ ރޯހިތު ގާންދީ އާއި ރާހުލް ކަންނާ ޑިޒައިން ކޮށްފައިވާ ކަޅު ސޫޓަކާއި އެއާ އެކު ބޯ ޓައީ އެކެވެ. ދީޕިކާ ލާފައި ހުރީ ޒުހައިރު މުރާދުގެ ޑީޕް ރެޑް ހެދުމެކެވެ.