އޭއެފްސީ ކަޕްގައި ކުޅުމަށް ބަނގްލަދޭޝަށް ދިއުމަށްފަހު 14 ދުވަސް ލަންކާގައި ކަރަންޓީނު ކުރި ޓީސީ ސްޕޯޓްސް ކުލަބު ވަކި ފްލައިޓެއްގައި ގެންނަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށެވެ. އަދި އެހެން ރައްޔިތުންނެކޭ އެއްގޮތަށް އެޓީމުގެ ވެސް ވަނީ ލަންކާގައި ތާށިވެފައި ކަމަށެވެ.
މަހްލޫފް ވިދާޅުވީ ލަންކާ އެއާޕޯޓު ހުޅުވުނުހާ އަވަހަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށާއި ޓީމުގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ޓީސީ ޓީމު ވަކި ފްލައިޓެއްގައި ގެންނަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަ އަކީ ހަގީގަތެއް ނޫން، އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރޭ، އެހެން ރައްޔިތުންނެކޭ އެއްގޮތަށް އެޓީމު ވަނީ ލަންކާގައި ތާށިވެފަ." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް މިހެން ވިދާޅުވީ މީހަކު އޭނާއާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމީހާ ބުނެފައިވަނީ ފަސިންޖަރު ފްލައިޓުތައް ދަތުރު ނުކުރާކަމަށާއި ނަމަވެސް މޯލްޑިވައަންގެ ފްލައިޓެއްގައި ޓީސީ ޓީމުގެންދެވޭ ކަމަށެވެ. އަދި ލަންކާގައި އެތައް ދިވެހި އާއިލާއެއް ތާށިވެފައި އެބަ ތިބި ކަމަށެވެ.