ރައްޔިތުންގެ މަޖިލިސް

ޕެންޝަން ސްކީމާއި ޒަކާތުފަންޑުން ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތް ހަދަން ޖެހޭ: ވިސާމް

4

ޕެންޝަން ސްކީމާއި ޒަކާތު ފަންޑުގައި ހުރި ފައިސާ އާންމު ރައްޔިތުންނަށް ލިބޭނެ ގޮތަށް މިހާލަތުގައި ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

މެންބަރު ވިސާމް މިހެން ވިދާޅުވީ ކޮވިޑް 19 ރޯގާގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިޔަށް ގެންދިޔަ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

މި ހާލަތުގައި އަމަލުކުރާން ފެންނަ ގޮތްތަކާއި އަޅާން ފެންނަ މުހިންމު ބައެއް ފިޔަވަޅުތަކާ ގުޅޭ ގޮތުން މެންބަރު ވިސާމް ވާހަކަދެއްކެވި އެވެ.

އެ ގޮތުން ބިން ބޮޑެތި ރަށްރަށުގައި އިގްތިސޯދީ މަސައްކަތްތައް ކުރިޔަށް ގެންދިއުން އަވަސް ކުރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ވަގުތަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތު ކޮޅަށް ޖަހަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ 204 ސިވިލް ސާވެންޓުންގެ ސަސްޕެންޝަން ބާތިލު ކުރުމަށް މަސަައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިސާމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާ މައްސަލަ ފާހަގަކުރައްވައި، ވިސާމް ވިދާޅުވީ ސަރުކާރުން ތައާރަފުކުރާ އިގުތިސޯދީ ޕެކޭޖުގެ ތެރެއިން އެފަދަ ރިސޯޓްތަކަށް އެހީ ލިބިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްތެރިންނަށް މި ދަނޑިވަޅުގައި ހާއްސަ އެލަވަންސެއް ކަނޑައެޅުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މެންބަރު ވިސާމްގެ ވާހަކައިގައި ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟