ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް، މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާއެކު ހައްޔަރުކުރި އަޒުމީއާއި ނަޖުމާ ހުރީ ޝަރީއަތް ނިމެންދެން ގޭ ބަންދުގައެވެ. ދާދި ދެންމެއަކު ކޯޓުން ވަނީ އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލައިފައެވެ.
އަޒުމީއާއި ނަޖުމާއަށް އުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުން މިއަދު ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރުފަހުއެވެ.
އަޒުމީއާއި ނަޖުމާގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ސިޔާސީ ބައެއް ބޭފުޅުން ވަނީ ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި ކުރީގެ ސީޕީ އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، ކޯޓަށް ހާޒިރުކުރި ނަމަވެސް އެބޭޅުންގެ ބަންދާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.