މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ ދިވެހިންގެ އަސާސީ ހިދުމަތްތަކުގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. އިތުރުވަމުންދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމަށް އުފެއްދި އެ ކުންފުންޏަށް މިއަދު މިވަނީ 25 އަހަަރު ފުރިފައެވެ.
އޭޕްރީލް 1، 1995 ގައި އެމްޑަބްލިޔުއެސްސީ ވުޖޫދުވެ މަސައްކަތް ފަށައިގަތީ އެންމެ 60 މުވައްޒަފުންނާއެވެ. އޭރު އެކުންފުނިން އުފައްދަމުން އައީ 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށެވެ. ނަމަވެސް މިއަދު އެ ކުންފުނީގައި 900 މުވައްޒަފުންނާއެކު ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ހޯދައި، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީގެ މުހިންމުކަން އެނގިގެންދިޔަ އެއް ހާދިސާއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެވެ. ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވަންދެން މާލެ ފެނަށް ޖެހުނެވެ. ނަމަވެސް އެގެއްލުމުން އެމްޑަބްލިޔުއެސްސީ އަރައިގަތީ ދެ ހަފްތާގެ ތެރޭގައެވެ.
އެކުންފުނިން އަބަދުވެސް ބުނާގޮތުގައި، ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިމާވެށްޓާއި ރައްޓެހިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެވެ.
އޭގެ އިތުރުން އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ވެސް އެކުންފުނީގެ އަމާޒެކެވެ.
އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަސާސަކީ ފެނާ ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައިވީނަމަވެސް، ވޭތުވެދިޔަ 25 އަހަރުަ ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ.
އެގޮތުން އެކުންފުންޏަކީ މިއަދު ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން ފުޅާދާއިރާއެއްގައި އިންޖިނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާއި ގުޅުންހުރި ވިޔަފާރީގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏެކެވެ.
އެގޮތުން ވިޔަފާރިވެރިންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ފެނާއި ނަރުދަމާއާ ގުޅޭ މުދާ ވިއްކުމާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް އުފެއްދުން ހިމެނެއެވެ. އޭގެ އިތުރުން އެމްޑަބްލިޔުއެސްސީ އަކީ ފެން ޕުލާންޓު އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަން ވެސް ހޯދާފައިވާ ކުންފުންޏެކެވެ.
އެމްޑަބްލިޔުއެސްސީއަށް 25 އަހަރު ފުރިގެން މިދިޔައީ މިއަދު ދުނިޔެ އެ ބައްޔަކާ ހަނގުރާމަ ކުރަމުންދާ ކޮވިޑް 19އާ ރާއްޖޭން ވެސް ކުރިމަތިލަމުންދާ ވަގުތެއްގައެވެ. ނަމަވެސް މި ކުއްލި ނުރައްކާގެ ހާލަތުގައި ވެސް އެކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރުބަލިކަމެއްނެތި ދަނީ ކުރަމުންނެވެ.
މިވަގުތުގައި ވެސް އެމްޑަބްލިޔުއެސްސީން ދަނީ ނަމޫނާ ދައްކަމުންނެވެ. އެކުންފުނީގެ އަމާޒު ހާސިލް ކުރަމުންނެވެ. އެކުންފުނީގެ ހިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ކޮވިޑް 19އާ ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، މިހާރު ހިދުމަތް ދެމުން އަންނަނީ މަދު މުވައްޒަފުން ނެރެގެންނެވެ.
ބަލިމަޑުކަމުންގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން އެކުންފުނިން ވަނީ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފައެވެ. އަދި މި މަހާއި މޭ މަހުގެ ބިލުން ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމައިފައެވެ.
އެހެންކަމުން މިއަދާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަަށް ޝުކުރުއަދާ ކުރަމެވެ.