އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިތުރަށް ފަސްކުރުމަށް ބޭނުންވާ، ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ދުވަސްކޮޅަކަށް މެދުކަނޑާލުމަށްފަހު މިދިޔަ ހޯމަދުވަހު، ވެބް ކޮންފަރެންސް މެދުވެރިކޮށް، ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފެށިގެން މިއަދާ ހަމައަށް ކުރިއަށްގެންދިޔަ ތިން ޖަލްސާގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކޮށް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ކުރިއަށްވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާނެ ކަމަށެވެ.
މަޖިލީހުގައި މިހާރުވެސް މަސައްކަތްތައް އެބަހުރިކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެ ބިލާބެހޭ އިތުރު ތަފްސީލެއްވެސް އަދި، ބިލް މަޖިލީހަށް އެޖެންޑާކުރާނެ ދުވަހެއްވެސް މަޖިލިސް ރައީސް ވިދާޅެއްނުވެއެވެ. އަދި މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއްވެސް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އިންތިހާބު ފަސްކުރަން މަޖިލީހަށް ފޮނުވި ބިލުގައިވަނީ ކޮވިޑް 19 އާ ގުޅިގެން މިމަހު 18 އަށް މިހާރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންނަ އަހަރުގެ ޖެނުއަރީމަހުގެ ހަޔަކަށް ފަސްކުރުމަށެވެ.
ކައުންސިލް އިންތިހާބު މިމަހު 18 އަށް އިސީން ފަސްކުރި ނަމަވެސް އެއަށްވުރެ ފަސް ކުރުމުގެ ބާރެއް ގާނޫނުން އީސީއަށް ލިބިގެން ނުވާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ގާނޫނީގޮތުން އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށްޓަކައި އެކަމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ހޯދުމަށް އީސީން އެ މަައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ހުށަހެޅި ދުވަހު ނޫން އަނެއް ދުވަހު އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރާއިރު، އިންތިހާބު ކޮށްފައި މިހާރު ތިއްބެވި ކައުންސިލް މެންބަރުންގެ މުއްދަތަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ބަލައި އެކަމުގައި ދުސްތޫރީ މައްސަލައެއް ހިމެނޭތީ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި އެކަމުގައި އީސީން ސުޕްރީމްކޯޓަށް ދިޔަ މައްސަލަ ބަލައި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް އެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ.
މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޓީން ވަނީ ދީފިއެވެ.
އެކަމާގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަގައިފައެވެ.
ވަން އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު"ގެ ނަމުގައި އިންތިހާބު ފަސްކުރުމަށް ހުށަހަޅާފައިވާ ގާނޫނަކީ ސަންސެޓް ގާނޫނެކެވެ.