ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާ އަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކީ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޯލިޝަނުގެ ޕާޓްނަރުންނާ އެކު ވެވަޑައިގެންފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ، އެމްޑީޕީއާ އެކު އޭރުގެ ރިޔާސީ ކެންޑިޑޭޓު ސޯލިހު ވެވަޑައިގެންފައިވާ އެއްބަސްވުން ލީކުވެފައި ވަނިކޮށް އަދާލަތުން އެޕާޓީއާ އެކު ވެވަޑައިގެންފައިވާ އެއްބަސްވުން އާންމުކުރުމާ ގުޅިގެންނެވެ. މި ދެ އެއްބަސްވުމުން އެނގޭ ގޮތުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ދެ ޕާޓީއާ އެކު ވެސް ސޮއިކުރައްވައިފައިވާ އެއްބަސްވުމުގައި ހިމަނާފައި ހުރީ އެއް ނުކުތާ ތަކެކެވެ. އެއީ ހަތަރު މާއްދާގެ މައްޗަށް އެކުލެވޭ، އެއް ސަފުހާގެ އެއްބަސްވުމެކެވެ.
ރައީސް މައުމޫނު އޭރު ޖަލުގައި ހުންނެވުމުގެ ސަބަބުން އެއްބަސްވުމުގައި ސޮއި ނުކުރެއްވުނު ނަމަވެސް، ޖުމުހޫރީ ޕާޓީއާ އެކުވެސް އޮންނާނީ ހަމަ މިއެއްބަސްވުން ކަމަށް ގަބޫލު ކުރެވެ އެވެ. ޖޭޕީން ވެސް ކުރީން ވަނީ މަޖިލިސް އިންތިޚާބު ހިމެނޭ ގޮތުން ކޯލިޝަން ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އެބަ އޮތް ކަމަށް ބުނެފަ އެވެ.
ކޯލިޝަންގައި ހިމެނޭ ތިން ޕާޓީ އަށާއި އެމްއާރްއެމްއަށް 2019 އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގަ އާއި 2020 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިއްސާ ލިބިގެން ދާނީ ކޯލިޝަންގައި އެ ޕާޓީއެއް ހިއްސާވާ މިންވަރުގެ މަތީންކަން އެއްބަސްވުމުގެ ހަތަރު ވަނަ މާއްދާއިން ސާފުކޮށް އެނގެ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ، "ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރީން ހިއްސާވާ ހަމައަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް 40 ޕަސެންޓު، ޖުމުހޫރީ ޕާޓީއަށް 25 ޕަސެންޓު، އަދާލަތު ޕާޓީއަށް 15 ޕަސެންޓު އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް 20 ޕަސެންޓެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެހައި ވުޒާރާ ތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެންމެހައި މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާ ރުހުންދޭ އެންމެހައި މަގާމު ތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ހިއްސާ ދޭންވާނެ އެވެ. އަދި މީގެ އިތުރުން 2019ގައި ބޭއްވުމަށް ކަނޑައެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގަ އާއި 2020ގައި ބޭއްވުމަށް ކަނޑައެޅިފައިވާ ލޯކަލް ކަުއންސިލްގެ އިނމްތިޚާބުގައި މިދެންނެވި އުސޫލުން ބައިވެރީންގެ މެދުގައި ހިއްސާ ބެހުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެއްބަސްވަމެވެ.
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ހިއްސާ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ މެދުގައި، އެ ބައިވެރީން ކޯލިޝަނުގައި ހިއްސާވާ ނިސްބަތުން ބެހުމަށް އެމްޑީޕީން ވަނީ އެއްބަސްވެފައިކަން މި އެއްބަސްވުންތަކުން އެނގެ އެވެ. އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އެއްބަސްވުމުގައި ސޮއިކުރައްވައިފައި ވަނީ އެމްޑީޕީގެ ފަރާތުންނެވެ.
ކޯލިޝަންގައި ޕާޓީތައް ހިމެނޭ ނިސްބަތަށް ބަލައި، އެ ނިސްބަތަށް މަޖިލިސް ބަހައިލުމުން އެމްޑީޕީ އަށް 35 ދާއިރާ ލިބޭ އިރު ޖޭޕީ އަށް ލިބޭނީ 22 ދާއިރާ އެވެ. އެމްއާރްއެމަށް 17 އަދި އަދާލަތަށް 13 ދާއިރާ ލިބޭނެ އެވެ.