އިބްރާހިމް ޒަކީ
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލަ އާއި އެ މައްސަލައިގެ ބަހުސްގައި މެންބަރުން ހުށަހެޅުއްވި ކަންތައްތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން ފާސް ކޮށްފައިވަނީ އެ މައްސަލައާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ބަހުސްގައި، މެންބަރުން ފާހަގަ ކުރެއްވި ކަންކަން، އެ ކަމަކާބެހޭ ކޮމިޓީއަކަށް ފޮނުވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މއިަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްގައި މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތަކާއި، ފާހަގަ ކުރެއްވި ނުކުތާތައް އެކަމާބެހޭ ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާ ކުރުމަށްފަހު އެކުލަވާލާ ރިޕޯޓް މަޖިލީހަަށް ހުށަހަޅަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެން 71 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި މައްސަަލައަށް މަޖިލިސް ތަޅުމުގައި ތިިން ދުވަހު ކުރިއަށް ގެންދިޔަ ބަހުސްގައި، 72 މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި މުޅި މައްސަލައަށް 11 ގަޑި 53 މިނިޓްގެ ބަހުސެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ގިނަ ހުށަހެޅުންތަކަކީ ގިނަ ނުކުތާތަކެއް މެންބަރުން ފާހަގަ ކުރައްވާފައިވާއިރު، މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއި ނުކުތާތައް، އެ ކަމަކާގުޅޭ ކޮމިޓީތަކަށް ފޮނުވުމަށްފަހު އިދާރީ މޭޒުން މެންބަރުންނަށް އަންގަމުން ގެންދާނެ ކަމަށެވެ.
އަދި އެ ކަންތައްތައް ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާދަމާ ފަށާ އެ ބައްދަލުވުންވެސް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.