ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން 2019 އަހަރާ އަޅައި ބަލާއިރު، މިއަހަރުގެ މިހާތަނަށް އާމްދަނީ 14.6 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށް ފިނެންސް މިނިސްޓްރީން ބުނެފިއެވެ.
ފިނެންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ 2019 ވަނަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް 5,590.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 4,597.2 މިލިއަން ރުފިޔާ ކަމަށެވެ.
މި މުއްދަތުގައި ރާއްޖޭގެ ހިންގުމުގެ ކަންކަމަށް ހަރަދުވާ މިންވަރު %16.5 އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ސިއްހީ ކަންކަމާއި އެފަދަ ޒަރޫރީ ކަންކަން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ އިގްތިސޯދު ބަރޯސާ ވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ ވަނީ، ކޮވިޑް19 އާ ގުޅިގެން މުޅިން ހުއްޓިފައެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ މުޅި އިގްތިސޯދަށް ހީނަރުކަން އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މިގެއްލުމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ނަމަވެސް ދައުލަތުގެ އާމްދަނީ ދަށްވެ އިގުތިސޯދަށް ހީނަރުކަމެއް އައި ނަމަވެސް ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަން އެގޮތަށް ކުރަނީ ގައުމު ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުކޮށް ގައުމުގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.