މެމްބަރު މުހައްމަދު ސައީދު

މިއީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރަންވީ ވަގުތު: އިދިކޮޅު ޕާޓީ

އިބްރާހިމް ޒަކީ

ކޮވިޑް 19 އިން ރާއްޖެއަށް ކުރިމަތި ވެފައިވާ ނާޒުކު މި ދަނޑިވަޅަކީ، މުޅި ގައުމަށްޓަކައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަން ޖެހޭ ވަގުތު ކަމަށް އިދިކޮޅު ޕީޕީއެމް ކޯލީޝަންގައި ހިމެނޭ، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ

ކޮވިޑް-19 ވައިރަސްއިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރޭގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ މައްސަލައަށް އަމާޒު ކޮށްގެން ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިޔަން ރުފިޔާގެ ޕެކޭޖުން ވިޔަފާރި ތަަކަށާއި، ވަޒީފާ ގެއްލިފައިވާ ފަރާތްތަށް ކަންތައްތައް ހަމަޖެހިގެންދާނެގޮތް ސާފުވާން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މިދަނޑިވަޅުގައި އެކަމަށް އޮތް އެންމެ އަވަސް އައި އެންމެ ބޭނުންތެރި ހައްލަކީ، ވިޔަފާރިތަކަށް އެފައިސާ ދީގެން މީހުންގެ މުސާރަ ހަމަޖެއްސުމުގެ ބަދަލުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ސީދާ ސަރުކާރުން މުސާރަ ދިނުން ކަމަށެވެ. އަދި އެބުރަ ވަޖިޔަފާރިތަކަށް ޖައްސައިފިނަމަ ވިޔަފާރިތައްް ބަނގުރޫޓުވެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުންކަހަލަ ކަމެއްް ދިމާވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދުގެ ވާހަކާގައި މިދަނޑިވަޅުގައި ރާއްޖޭގެ ކަންޑުގެ ބާވަތްތައް ޗައިނާ މާކެޓަށް ބޭރު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، އޭނާ އިސްވެ ހުންނަވައިގެން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ގާއިމް ކުރި ފްރީޓްރޭޓް އެގްރީމެންޓް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.

ސައީދު ވިދާޅުވީ، ސީފުޑްގެ ދުނިޔޭގެ ކެޕިޓަލްއަކަށް ރާއްޖެއަށް ނުވެވޭނެ ގޮތެއްނޯންނާނެ ކަމަށެވެ. އަދި ޗައިނާގެ މާކެޓަށް ރާއްޖޭގެ ކަނޑުގެ ބާވަތްތައް ބޭރު ކުރުމުގެ މިހިއްމުކަން ފާހަގަ ކުރައްވައި އެ ފުރުސަތު އޮތްގޮތާބެހޭ ތަފްސީލެއް ސައީދު ވިދާޅުވެ ދެއްވިއެވެ.

ސައީދު ވިދާޅުވީ މިވަގުތަކީ ސިޔާސީ ބައިބައިވުން ދޫކޮށްލައި އެއްަބއިވަންތަ ކަމުގެ ސަރުކާރެއް ގާއިމް ކުރަންޖެހޭ ވަގުތު ކަމަށެވެ.

އަދި މިއީ ޕީޕީއެމްއާއި އެމްޑީޕީ އެއްބައިވެ އެކައްޗެއް ކިޔައިގެން ޕީޕީއެމްގެ ލީޑަރު ކުރިގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ކުރި ތަރައްގީގެ ބޭނުން ހިފައިގެން ކުރިއަށްދާންވީ ވަގުތު ކަމަށްވެސް ސައީދު ވިދާޅުވިއެވެ.