ރައްޔިތުންގެ މަޖިލިސް

ރިޓަޔަމެންޓް ބެނެފިޓް ނޫން އިނާޔަތްތައް ޕެންޝަން ފަންޑުން ދިނުމަށް ގާނޫނު ހުރަހެއްނާޅާ: މެންބަރު ސަލީމް

އިބްރާހިމް ޒަކީ

ރިޓަޔެމެންޓް ބެނެފިޓްގެ އިތުރުން ޕެންޝަން ފަންޑުން އެހެން އިނާޔަތްތައް ދިނުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ކޮވިޑް 19 އާގުޅިގެން އެކި ރޮނގުން ގޮންޖެހުންތައް ކުރިމަތި ވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން ސިއްހީ ގޮންޖެހުންތަކާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި މާލީ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިމަތިވެފައިި މިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުން މީހުން ވަކިކުރަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ މިދަނޑިވަޅުގައި ރާއްޖޭގެ މަސްވެރިިން ކަނޑުމައްޗަށް ނިކުމެ ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށާއި މިވަގުތު ހަމަ އެކަނި ނުނިވި ހުރީ މަސްވެރިންގެ އިންޖީނު ކަމަށެވެ.

ސަރުކާރުން އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާކަން ފާހަގަ ކުރައްވައި، ސަލީމް ވިދާޅުވީ، މިދަނޑިވަޅުގައި 38 ރިސޯޓަކުން 11000 މީހުން ވަޒީފާއިން ވަކިކުރުމަކީ ދެރަ ކަމެއް ކަމަށެވެ. އޭގެން ކޮންމެ މީހަކީ، ފަސް މީހެއްގެ ދިރިއުޅުން ބަލަހައްޓާ މީހެއް ކަމަށާއި، އެގޮތަށް ބަލާއިރު ޓޫރިޒަމް އިނދަ ޖެހޭއިރު، އެއްލައްކަ މީހުންގެ ދިރިއުޅުމަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންނާއި ދުވަހު މުސާރަވެރިންނާއި އެހެނިހެން ދާއިރާގައި އުޅޭ މީހުންވެސް ވެސް ހާލުގައި ޖެހިފައިވާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިޔަން ރުފިޔާގެ އެހީގެ ޕެކޭޖުން، ހަމަހަމަ އުސޫލުުން އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުޗާޓެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ ހާލުގައި ޖެހޭ މީހުންނަށް ސީދާ އަތަށް ފައިސާ ލިބޭނެ ގޮތަކަށް ވިސްނާއިރު ޕެންޝަން ރިޓަޔާމެންޓް ފަންޑުންވެސް އެކަަމަށް އެހީތެރި ވެވިދާނެ ކަމަށެވެ.

އެގޮތުން ރިޓަޔަމެންޓް ބެނެފިޓްގެ އިތުރުން ޕެންޝަން ފަންޑުން އެހެން އިނާޔަތްތައް ދިނުމަށް ގާނޫނު ހުރަސް ނާޅާ ކަމަށާއި، ޕެންޝަން ގާނޫނުުގެ ހަވަނަ މާއްދާއިން އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާތައް ހިންގަން ޕެންޝަން ބޯޑަށް ފުރުސަތު ލިބޭ، ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.