އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ޓެސްޓްކުރަން ހުންނެވީ ތައްޔާރަށް ކަމަށާއި، ނަމަވެސް ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ޕަބްލިކް ހެލްތުން މާޗް މަހުުގެ 14 ވަނަ ދުވަހުން ފެށިގެން ތާރީހު ކަނޑައެޅުއްވީ ސައިންޓިފިކް ކޮން ކަންތައްތަކަކަށް ބައްލަވައިގެެންތޯ، ޑޮކްޓަރުންނާއި ޕަބްލިކް ހެލްތުގެ ބޭފުޅުން ކުރެއް އައްސަވައިލައްވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް މިމަހުގެ 14 އިން 19އަށް އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންގެ ކޮންޓެކްޓް ސްކްރީނިން ހަދައި ޓެސްޓުކުރަން ސަރުކާރުން އިއްޔެ ވަނީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާޗް 11 އިން 14 އަށް އެމަނކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައި ކަމަށެވެ.
އެހެންކަމުން އިނގިރޭސި ވިލާތުން އައި މީހުން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސަރުކާރުން ނިންމި މުއްދަތަށް ރައީސް ނަޝީދުވެސް ފެތެއެވެ. އެހެކަމުން އެޗްޕީއޭއިން އެދޭ ނަމަ ކޮވިޑް 19 އަށް ޓެސްޓަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މަޖިލިސް ރައީސް މިއަދު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ، އެކަމާ ގުޅިގެން އެޗްޕީއޭ އާއި ޑޮކްޓަރުންކުރެން އައްސަވައިލަން ބޭނުންފުޅުވާ ވާހަކައެއް އެބައޮތް ކަމަށެވެ.
"ޓެސްޓްކުރަން ތައްޔާރަށް ހުރިނަމަވެސް ޕަބްލިކްހެލްތާއި ޑޮކްޓަރުންކުރެން އަޅުގަނޑު އަހާލަން ބޭނުންވާނެ 14 ވަނަ ދުވަހުގެ ތާރީހަށް ތިބޭފުޅުން ތިޔަ ނިންމެވީ، ކޮންސައިންޓިފިކް ރޭޝަނަލެއްގެ މައްޗަށް ބިނާކޮށްފައިތޯ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މާޗް 14 ގައި އިިނގިރޭސިވިލާތުން ރާއްޖެ ވަޑައިގެން ކޮވިޑް 19 އަށް ޓެސްޓް ނުކުރެއްވީ، އިނގިރޭސި ވިލާތުން ރާއްޖެއަށް އަންނަ މީހުންނަށް އޭރު އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި އެފަދަ މީހުން އަމަލުކުރަންވީ ވަކި އުސޫލެއް އެޗްޕީއޭއިން ކަނޑައަޅާފައި ނުވާތީ ކަމަށެވެ.