ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރު ކޯލިޝަންގެ ތެރެއިން ކަނޑައަޅާފައިވާ 17 ދާއިރާގެ އިތުރަށް، އެހެން ދާއިރާއަކަށް ނުކުތުމާ މެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ރައީސް މައުމޫންގެ ރިފޯވް މޫވްމެންޓުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލްކަން ކުރެއްވި، އަބްދުލް އަލީމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ކުރިން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް މަޖިލީހުގެ އިންތިޚާބުގައި އިތުރު ދާއިރާތަކަށް ނުކުތުމުގެ ވިސްނުން ރިފޯވް މޫވްމެންޓުން ގެންގުޅޭ ކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ރިފޯވް މޫވްމެންޓަށް ދީފައިވާ 17 ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ނުކުތުމާ މެދު މިރޭ މަޝްވަރާކުރައްވައި، ގޮތެއް ނިންމަވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަލީމް ވިދާޅުވީ 17 ދާއިރާއަށް ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީން ނިންމި ނިންމުމާ ގުޅިގެން އަލީމް ވިދާޅުވީ އެކަމަށް ވަކިއެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް ކަނޑައެޅުމުގައި ރައިސް ސޯލިހު އަމަލުކުރައްވަމުން ގެންދެވީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަމަށް އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫން ހުންނަވާނީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށާއި، ކޯލިޝަންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.
''ރައީސް އަމަލުކުރައްވާފައިވާ ގޮތުން ހާމަވެގެންދާނެ ސަރުކާރުގެ މަގާމުތައް ކަނޑައެޅުއްވުމުގައި އަމަލުކުރައްވާފައި ވަނީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށްކަން. ރައީސް މައުމޫން ހުންނަވާނީ ރައީސް އިބޫގެ ފަހަތްޕުޅުގައި. ކޯލިޝަންގެ ނިންމުމަށް ރައީސް މައުމޫން އިހުތިރާމް ކުރައްވާނެ.'' އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް އެމްޑީޕީން ނިންމުމުން، އެހެން ޕާޓީތަކުން ވެސް ބޭނުންވާ ދާއިރާތަކަށް ވާދަކުރުމަށް ފުރުސަތު އޮތްކަމާއި އެކަމަށް އެއްވެސް ހުރަހެއް ނެތްކަން ހާމަވެގެން ދިޔަ ކަމަށެވެ.