މަޖިލީހުގެ ރައީސް

ޕަބްލިކްހެލްތުން އެދޭނަމަ އަޅުގަނޑު މިހުރީ ކޮވިޑް 19އަށް ޓެސްޓްކުރަން ތައްޔާރަށް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ހުސްވި މަހުގެ 11 އިން 14 ވަނަ ދުވަހާ ދެމެދު އެމަނިކުފާނު ހުންނެވީ، އިނިގިރޭސި ވިލާތުގައި ކަމަށާއި ޕަބްލިކް ހެލްތުން އެދިވަޑައިގެންފިނަމަ ކޮވިޑް 19އަށް ޓެސްޓް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހުސްވި މާޗް މަހުގެ 11 އިން 14 އަށް އެމަނިކުފާނު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިއިރު، ކޮވިޑް 19 އާއި ގުޅިގެން އިނގިރޭސި ވިލާތުން ރާއްޖެއަށް އަންނަ މީހުންނަށް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި އެފަދަ މީހުން އަމަލުކުރަންވީ ވަކި އުސޫލެއް ވެސް އެޗްޕީއޭއިން ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެހެންކަމުން އޭރު ރާއްޖެ ވަޑައިގެން ކޮވިޑް 19އަށް ޓެސްޓް ކުރައްވާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މާޗް 14 އިން 19 އާއި ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް އެޗްޕިއޭއިން މިހާރު އަންގަވާފައިވާ ކަމަށާއި، ޕަބްލިކް ހެލްތުން އެދިވަޑައިގެންފި ނަމަ އެކަނިކުފާނުވެސް ހުންނެވީ ކޮވިޑް 19އަށް ޓެސްޓް ކުރައްވަން ތައްޔާރަށް ކަމަށެވެ.

މަޖިލިސް ރައީސް ނަޝީދު ކޮވިޑް 19އަށް ޓެސްޓް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމިއްލަފުޅު ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު މާޗު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެނބުރި ރާއްޖެ ވަޑައިގެންފައިވާތީ ކޮވިޑް 19 އަށް ޓެސްޓު ކުރައްވާނެ ކަަމަށެވެ.

ރައީސް ނަޝީދު އެ ދަތުރުފުޅު ކުރެއްވިއިރު ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން ރާއްޖެއަށް އަންނަ މީހުން ބައްޔަށް ޓެސްޓުކުރަން ނިންމާފައިނުވާ ކަމަށާއި އިނގިރޭސި ވިލާތާ ގުޅޭ ގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައި ނުވާ ކަމަށް މަޖިލީހުގެ ބަޔާނުގައި ވެއެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުންނެވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލުކުރެއްވުމަށް ތައްޔާރަށެވެ،" މަޖިލީހުން ނެރުނު ކުރު ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓު ކުރައްވަން ނިންމަވާފައި މިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިން ރާއްޖޭގައި އެކަހެރިކޮށްފައި ތިއްބައި އެ ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް މިމަހުގެ 14 އިން 19އަށް އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ކޮންޓެކްޓް ސްކްރީނިން ހަދައި ޓެސްޓުކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެފައިވަނީ، މިމަހުގެ 14 އިން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައިސްފައިވާ އެންމެން އަދި އެމީހުންނާ ކޮންޓެކްޓް ވި މީހުން ކޮވިޑް 19އަށް ޓެސްޓުކުރާނެ ކަމަށެވެ.