ވިޔަފާރި

ޔޮޓް ޓުއާސް މޯލްޑިވްސް ގްރޫޕުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ޔޮޓް ޓުއާސް މޯލްޑިވްސް ގްރޫޕުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19ގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ކުންފުނިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތުން ހއ.އަލިދޫ، ހއ.ބީނާފުށި، ހއ.ކަނޑާފިނޮޅު، ހއ.ބެރިމަންދޫ، ގދ.ވަޓަވަރެއްހާ، ވ.މޮޑުމޮހޮރާ، އއ.މަތިވެރި ފިނޮޅު، އއ.މަތިވެރި ގެސްޓް ހައުސް، ލ.ގަން އައްސޭރި ޕްރޮޖެކްޓު، ޖުވެލް ޔޮޓު، ކ.ގާފަރު އަދި ކ.ކާށިދޫގައި އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ޔޮޓް ޓުއާސް އިން ބުނެއެވެ. ޔޮޓް ޓުއާސް އިން ހިންގާ މި ހުރިހާ ތަނެއް އެއްކޮށް ޖުމްލަ 1500 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޔޮޓް ޓުއާސް އިން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާގައި އެކުންފުނިން 5000އާއި ގާތް ކުރާ އަދަދަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.

ޔޮޓް ޓުއާސް ކުންފުނިން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ކޮވިޑް 19ގެ ސަބަބުން ކުރިމަތިވެފައިވާ މިހާރުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެ ކުންފުނިން ވެވުނު ވަރަކުން އެހީތެރި ވެދޭނެ ކަމަށެވެ.