އިންޑިއާގައި ކޮވިޑް19އާއި ގުޅިގެން ލޮކްޑައުން އިއުލާނުކޮށްފައި އޮންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭގެ އެންމެ ރަނގަޅު އަސަރެއް ކުރީ އެގައުމުގެ ތިމާވެއްޓަށެވެ.
1.3 ބިލިއަންގެ އާބާދީއެއް އޮންނަ އިންޑިއާގެ ހުރިހާ ރައްޔިތުން ގޭގައި ބަންދުވުމާއެކު މަގުތަކުގައި ދުއްވުން ހުއްދަވެފައި އޮތީ ކަމާއި ގުޅޭ ރަސްމީ ބޭނުންތަކަށް ދުއްވޭ މަދު ވެހިކަލްތަކެއް އެކަންޏެވެ. އެ ގައުމުގެ ބައެއް ސިޓީތަކަކީ މުޅި ދުނިޔޭގައި ވެސް ވައި އެންމެ ނުސާފު ސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދާފައިވާ ސިޓީތަކެވެ. އޭގެ ތެރޭގައި ދިއްލީ، މުމްބާއި އަދި ކަލްކަތާ އަދި ޗެންނާއީ ފަދަ ސިޓީތައް ހިމެނެ އެވެ. ވައި ނުސާފުވުމުގެ ސަބަބުން ބައެއް ސިޓީތަކުގައި މީހުން މަގުމަތީގައި އުޅޭ އިރު ވެސް ސިއްހަތަށް ރައްކަލަކަށް މާސްކު ބޭނުންކުރެ އެވެ. ދިއްލީ ފަދަ ސިޓީތަކުގެ ވައި އާދަޔާ ހިލާފަށް ނުސާފުމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ އެކި ކަހަލަ މައްސަލަތައް ވެސް ކުރިމަތިވަމުންދާ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ލޮކްޑައުން އިންޑިއާގައި އިއުލާނުކޮށްފައި އޮތްއިރު އެލޮކްޑައުންގެ ދަށުން ހުރިހާ ފެކްޓަރީތަކާއި، މާކެޓްތަކާއި ފިހާރަތަކާއި އަޅުކަން ކުރާ ހުރިހާ ތަނެއްވެސް ބަންދެވެ. ޕަބްލިކް ޓްރާންސްޕޯޓުތައްވެސް ބަންދުކޮށްފައި ވާއިރު ކޮންސްޓްރަކްޝަން މަސައްކަތްވެސް ވަނީ ހުއްޓުވާފައެވެ.
އެގައުމުގައި މިހާތަނަށް 1300 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 35 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑާއި ގުޅިގެން ޗައިނާގައި ލޮކްޑައުން އިއުލާނު ކުރުމާއެކު އެގައުމުގެ ވައިވެސް ވަނީ ސާފުވެގެން ގޮސްފައެވެ.