ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ބަޣާވާތް ކުރިކަން ސާބިތުކޮށްދެއްވައިފިނަމަ ރައީސް ނަޝީދަށް ދޮޅުލައްކަ ރުފިޔާއާއި އުމްރާ ދަތުރެއް ދޭނަން: ޑރ. ޝަހީމް

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ދިމާވި ހަތެއް ފެބްރުއަރީ 2012 އާއި ގުޅޭ 22 ދުވަހުގެ މުޒާހަރާގައި، ބައިވެރިވެވަޑައިގެންފައިވާކަން ސާބިތުކޮށްދެއްވައިފި ނަމަ، އިނާމެއްގެ ގޮތުގައި ރައީސް ނަޝީދަށް 150،000 ރުފިޔާ އާއި އުމްރާ ދަތުރެއްގެ ދެކޮޅު ޓިކެޓް ދެއްވާނެ ކަަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީިމް މިހެން ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން މުޅި ސޯޝަލްމީޑިއާ ކީރިތި ގުރުއާނުން ފުރައިލުމުގެ ޝިއާރުގެ ދަށުން ޑރ.ޝަހީމް ފެއްޓެވި ގުރުއާން ކިޔެވުމުގެ ޗެލެންޖަށް ރައީސް ނަޝީދަށް ދައުވަތު ދެއްވުމާއި ގުޅިގެން، ޑރ.ޝަހީމަކީ ބަޣާވާތް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ނަޝިދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. ޝަހީމް ދެއްވި ދައުވަތާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޝަހީމް އަކީ ބަޣާވާތެއް ކުރެއްވުމަށްފަހު، ތައުބާވެ ވަޑައި ނުގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ޑރ. ޝަހީމު އެކަމަށް ތައުބާވެ ވަޑައިގެންނެވުމުން، ކީރިތި ޤުރުއާނުން އެމަނިކުފާނަށް އެންމެ ރީތި އެއް ސޫރަތް ކިޔަވާ ވިދާޅުވާނެ ކަަމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމާއި ގުޅިގެން ރައްދުގައި ޑރ. ޝަހީމް މިއަދު ކުރެއްވި ތިން ޓުވީޓެއްގައި ވިދާޅުވީ، ހަތެއް ފެބްރުއަރީއާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ރޭގެ މުޒާހަރާގައި އޭނާގެ ވީޑިއޯއެއް ވެސް އަދި އޯޑިއޯއެއް ނުވަތަ ފޮޓޯއެއް ދެއްކެވި ނަމަވެސް ރައީސް ނަޝީދަށް 150 ހާސް ރުފިޔާއާއި އުމްރާ ދަތުރެއްގެ ދެކޮޅު ޓިކެޓާ ހުރުމާއި، ކެއުން ދެއްވާނެ ކަމަށެވެ. އަދި އެ އުމްރާ ދަތުރުގައި އެއްޗެހި އުފުއްލަވަން ހުންނަވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބައްޕާފުޅާއި ކާފާ ފުޅުގެ މައްޗަށް، ކުރީގެ ވެރިކަންތަކާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނު ކަމުގެ ދައުވާތައް އުފުލުނު މައްްސަލައަށް އިޝާރާތް ކުރައްވައި ޝަހީމް އިތުރަށް ވިދާޅުވީ، "އަޅުގަނޑަކީ ބަޣާވާތް ކުރި މީހެއް ނޫން. އަޅުގަނޑުގެ ބައްޕަވެސް ބަޣާވާތް ނުކުރޭ. ފިސްތޯލަވެސް އެތެރެ ނުކުރޭ، އަޅުގަނޑުމެންގެ ކާފަވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލަވެސް އެތެރެ ނުކުރޭ. އަޅުގަނޑަކީ އަލީ ސައީދުގެ ދަރި މުހައްމަދު ޝަހީމް އަލީ ސައީދު،" ކަމަށެވެ.